ޚަބަރު

ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް މުހިއްމު މަސައްކަތަކެއް ކުރަންޖެހޭ


ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި އެދާއިރާއިން މުހިއްމު މަސައްކަތްތަކެއް އަދިވެސް ކުރަންޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް އިފްތިތާޙް ކުުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ބޭރުގެ އެކި ޤައުމުތަކުން އެތެރެކުރާ ޤައުމަކަށް ރާއްޖެވުމުން އެގޮތަށް އެތެރެކުރާ ތަކެތީގެ ރައްކާތެރިކަން އެޤައުމުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަށަވަރުކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެން ނަމަވެސް މިކަމުގައި އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގައިޑްލައިންތަކަށް އެތަކެތި ފެއްތުމައްޓަކައި ކުރާ މަސައްކަތްތަކަށް ގޮޮންޖެހުން އެބަހުރި. އެއީ އަދިވެސް އަޅުގަނޑުމެން އިތުރަށް ވިސްނައި މަސައްކަތްކުރަންޖެހޭ އޭރިއާއެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ދުޅަހެޔޮ ސިއްޙަތެއްގެ މުހިއްމުކަން އެންމެނަށްވެސް ވަޒަންކުރެވޭ އަދި ތަޖުރިބާ ކުރެވޭ ދުވަސްވަރަކަށްވުމުން ކާބޯތަކެތީގެ ޒަރިއްޔާއިން އުފެދޭ ބަލިތަކަށް ސަމާލުވުމުގެ މުހިއްމުކަން މިނިސްޓަރ އަމީން ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ޙެލްތު މިނިސްޓަރގެ އިތުރުން ޑަބްލިއު.އެޗް.އޯ އިން ރާއްޖެއަށް ކަނޑައަލާފައި ހުންނަވާ މަންދޫބް، ޑރ.އަރްވިދު މާތުރުގެ އިތުރުން ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އ.ދ ގެ ޖެނެރަލް އެސަންބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފައެވެ. ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.