ކުޅިވަރު

ވިނަގަނޑު ހަލާކުވުމުން އަންނަމަހު ޗައިނާމެޗް މާލޭގައި ނުކުޅޭނެ


ވިނަގަނޑުގެ ރަނގަޅު ނުކުރެވޭތީ ވޯލްޑްކަޕް
ކޮލިފައިންގައި އަންނަމަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗް ރާއްޖޭގައި ނުކުޅޭގޮތަށް
ނިންމައިފިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވީ ވޯލްޑް
ކަޕް ކޮލިފައިންގައި ސެޕްޓެމްބަރ މަހުގެ އަށްވަނަ ދުވަހު ގަލޮޅު ދަނޑުގައި
ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗް ޗައިނާގައި ނުވަތަ ނިއުޓްރަލް
ދަނޑެއްގައި ކުޅެން ހުށަހަޅާފައިވާ ކަމަށެވެ.

ދަނޑުގެ ވިނަގަނޑު ރަނގަޅުވާން އަދި
ގާތްގަނޑަކަށް ދެމަސްދުވަސްވާނެ ކަމަށާއި އެހެންކަމުން ރާއްޖޭގައި ޗައިނާއާ
ދެކޮޅަށް ކުޅެންޖެހޭ މެޗް ޗައިނާގައި ކުޅުމަށްފަހު އަންނަ އަހަރު ޗައިނާގައި
ކުޅެންޖެހޭ މެޗް ރާއްޖޭގައި ކުޅެވޭނެ ގޮތް ހެދުމަށް އެދިފައިވާނޭ ކަމަށެވެ. އަދި
މިނިންމުމަށް ޗައިނާއިން އެއްބަސް ނުވެއްޖެނަމަ ނިއުޓްރަލް ދަނޑެއްގައި އެމެޗް
ކުޅުމަށް ނިންމާފައިވާކަމަށެވެ. ނިއުޓްރަލް ދަނޑެއްގައި ކުޅޭގޮތަށް ނިމިއްޖެނަމަ
ރާއްޖެއިން އެއްބަސްވާނީ ސްރީލަންކާ، ޤަތަރު ނުވަތަ ދުބާއީގައި މެޗް ކުޅުމަށްކަމަށްވެސް
ޝަވީދު ވިދާޅުވިއެވެ.

"މިމެޗް ރާއްޖޭގައި ނުކުޅޭތީ ވަރަށް ބޮޑު ގެއްލުމެއް އެފްއޭއެމްއަށްވެސް އެބަ ލިބޭ. އަޅުގަނޑުމެން ވާނީ އެމެޗްގެ ވީޑިއޯ ރައިޓްސް ދެލައްކަ ފަންސާސް ހާސް ޑޮލަރަށް ބޭރުގެ ކުންފުންޏަކަށް ވިއްކަން އެއްބަސްވެފަ. އަދި މިމެޗަށް ރާއްޖެ އައުމަށް ޗައިނާގެ ވަރަށް ގިނަ ބަޔަކު ރިކުއެސްޓްވެސް ވަނީ ކޮށްފަ" ޝަވީދު ވިދާޅުވިއެވެ.



މިނިވަން ފަންސާސް ކުޅިވަރު ޙަރަކާތްތައް ކުރިޔަށް
ގެންދިއުމަށް ގަލޮޅު ދަނޑުގައި އެޅި ޓާފްގެ ސަބަބުން ވިނަގަނޑުވަނީ އެއްކޮށްހެން
ހަލާކުވެފައެވެ. އެކަމުގެ ސަބަބުން އުރީދޫ ދިވެހި ޕްރިމިއަރ ލީގުވެސް އޮކްޓޯބަރު
މަހަށް ލަސްކޮށް، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކުޅުދުށްފުށްޓާއި އައްޑޫ
ސިޓީ ގައި ބާއްވަން މިހާރުވަނީ ނިންމާފައެވެ.