ޚަބަރު

ހައިކޯޓުން ލައިވްކުރި ފުރަތަމަ ޝަރީއަތް: ހަސަން ސައީދުގެ ހުކުމް ބާތިލް


ދިވެހިރާއްޖޭގެ ހައިކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ބޭއްވި ޝަރީއަތެއް ފުރަތަމަ ފަހަރަށް ޝޯޝަލް މީޑއާގެ ވަސީލަތްތަކުން ލައިވްކޮށް ދައްކައިފިއެވެ.

ވީޑިޔޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި މި ޝަރީއަތުގެ މަޖިލީހަކީ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސެއިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއްގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެވެ.

މި މައްސަލައަކީ ހަސަން ސައީދު ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގައި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މައްސަލަ އެވެ. ހައިކޯޓުގެ 3 ފަނޑިޔާރުން ބެއްލެވި އެ މައްސަލައިގައި ހުކުމް ކުރެއްވީ ހަސަން ސައީދު ހުސެއިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ސައްހަ ނޫން ކަމަށާއި އެޖަލު ހުކުމަކީ ބާޠިލް ޙުކުމެއް ކަމަށެވެ. މި ހުކުމް ކުރެއްވީ އެ މައްސަލަ ބެއްލެވި އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސެއިން މަޒީދުގެ އިއްތިފާގުންނެވެ.

ހަސަން ސައީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ކޮރަޕްޝަނުގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދާކަން އެނގިހުރެ ޕޮލިސް ސަރވިސް އަށް ހާޒިރުވެފައިނުވާ ކަމަށްބުނެ ދައުވާކުރި މައްސަލައެއްގައެވެ.

ހަސަން ސައީދު ޖަލަށް ލުމަށް ހުކުމްކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހު ތެރޭގައި އެވެ. އޭނާ އަށް ހުކުމް ކުރުމުގެ ކުރިން އޭނާ ބަންދުގައި ހުރި ދުވަސްތަކާއެކު އޭނާގެ ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިނިވަން ކުރީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.

ހުކުމް ބާތިލް ކުރުމުގައި ހައިކޯޓުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިންގިއިރު ހަސަން ސައީދު ހުށައެޅުއްވި ދިފާއީ ހެކިންގެ ހެކިބަސް ނަގާފައި ނުވަނީ ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށްކަމަށް ފާހަގަ ކުރައްވާފައިވެ އެވެ. އަދި ހަސަން ސައީދު ގާނޫނު ހިންގަން ހުރަސް އެޅިކަމަށްބުނެ އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު އޭނާ ހުރަސް އަޅާފައި ވަނީ ކޮން ގާނޫނެއް ހިންގާނެ ކަމެއް ދައުލަތައް ދަށުކޯޓުގައި ބުނެދެވިފައިނުވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.