ފުޓުބޯޅަ

އެފްއޭކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ނުބާއްވަން ނިންމައިފި


އެފްއޭކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ނުބާއްވަން އެފްއޭއެމްއިން ނިންމައިފި. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ މިއަހަރު އެފްއޭކަޕް ނުބޭއްވެނީ އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން ކަމަށެވެ. ގަލޮޅު ދަނޑުގެ ވިނަ ގަނޑު ހަލާކުވުމުގެ ސަބަބުން ޕްރެޒިޑެންޓް ކަޕް ކުޅުދުއްފުއްޓަށާއި، އައްޑޫ ސިޓީއަށް ބަދަލުކޮށް ދިވެހި ޕްރިމިއަރ ލީގު ވަނީ ފަސްކޮށްފައެވެ. ޝަވީދު ވިދާޅުވީ އެފްއޭކަޕްގެ ޗެމްޕިއަންއަށް ލިބެމުން އައި އޭއެފްސީ ކަޕްގެ ޖާގަ މިއަހަރު ދޭނީ ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ކަމަށެވެ. މީގެ ކުރިން އޭއެފްސީ ކަޕަށް ކޮލިފައިވަނީ ލީގު ޗެމްޕިއަނުންނާ އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދާ  ދެޓީމެވެ. މިނިވަން ފަންސާހުގެ ކުޅިވަރުތަކަށް ރަސްމީ ބޯޅަ ދަނޑު ބޭނުންކޮށްފައި ވުމުން ދަނޑުގެ ވިނަ ގަނޑުވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ދަނޑުގެ ވިނަ ގަނޑު ރަނގަޅުވުމަށް މަދުވެގެން 2 މަސް ދުވަސް ނަގާނެ ކަމަށްވެސް އެފްއޭއެމްއިން މަޢުލޫމާތުދެއެވެ.