ޚަބަރު

އެމްޓީސީސީން މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިތުރުކޮށްފި


މާލެ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން އެމްޓީސީސީން މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީތައް ދަތުރުތައް އިތުރުކޮށްފިއެވެ.

މާލެ ސަރަޙައްދުގައި އޭޕްރީލްމަހު ލޮކްޑައުން އިއުލާންކުރުމާއެކު ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތްދޭ ފެރީތަކާއި ބަސްތައް އާއްމު ޝެޑިއުލަށް އޮޕަރޭޓްކުރުން ވަނީ ހުއްޓާލާފައެވެ. ،އަދި ފެރީއާއި ބަހުގެ ޚިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ވަކި ވަގުތަކެއްގައި، ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

އެމްޓީސީސީން ބުނީ އިއްޔެއިން ފެށިގެން މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ވިލިނގިއްޔާއި މިހާރު ކުރާ ދަތުރުގެ ޝެޑިއުލަށް 8 ދަތުރު އިތުރުކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ ކުރިން ވިލިމާލެއާއި މާލެއާ ދެމެދު 6 ދަތުރު ބޭއްވި އިރު ދުވާލެއްގެ މައްޗަށް 450 މީހުން ދަތުރުކުރިކަމަށެވެ. އަދި 12 ދަތުރު ބޭއްވި އިރު ދުވާލެއްގެ މައްޗަށް 950 މީހުން ދަތުރުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާރު ފުރަބަންދަށް ދިން ލުއިތަކާއެކު 20 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ދުވާލަކަށް 1400 އާއި 1500 މީހުން ދަތުރުކުރާނެކަމަށެވެ.

އެމްޓީސީސީން ބުނީ ކޯވިޑްއާ ގުޅިގެން ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގެ އިތުރުން ރާއްޖޭގެ 11 އަތޮޅަކަށް ޚާއްސަ ކާގޯ ފެރީތަކެއް ބާއްވަމުންދާކަމަށެވެ. އަދި މިމަސައްކަތުގައި ހަރަކާތްތެރިވާ އެކުންފުނީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ހުރިހާ މުވައްޒަފުންގެ ޚިދުމަތަށް އިޙްލާސްތެރިކަމާއެކު ބަލައިގަންނަކަމަށްވެސް އެމްޓީސީސީން ބުނެއެވެ.