ޚަބަރު

ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށައް ގެންގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

38.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 397 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރުތޮށި ހެދުމާއި، 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދެހާސް ފަސްސަތޭކަ އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ސާޅީސް ދެހާސް ހަ ސަތޭކަ އަކަ މީޓަރުގެ ބަނދަރެއް ފުންކުރުމާއި، ހަތަރު ހާސް އަކަ މީޓަރުގެ ނެރެއް ފުންކުރުމާއި އަދި ފަސްދޮޅަސް މީޓަރުގެ ރިވެޓްމަންޓްޖެހުންވެސް މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.