ޚަބަރު

ރަށުގައި ގޭގައި ކަރަންޓީނުވާން ބޭނުންވި 44 މީހަކު އައްޑުއަށް ގެންގޮސްފި


ރަށަށް ނުދެވިފައި މާލޭ ތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީނުވާން ބޭނުންވާ މީހުންގެ ތެރެއިން ފުރަތަމަ 44 މީހުން އައްޑޫއަށް ގެންގޮސްފިއެވެ.

މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން، ރަށްރަށަށް އެނބުރިދާން ބޭނުންވެގެން ރަޖިސްޓްރީ ކުރި 3900 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީޒްތަކުގައި މިހާރުވެސް ތިބި ކަމަށް ލޯކަލް ގަވރމެންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް 19 އާއި ގުޅިގެން މާލެއިން ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީން ކުރާނެ އުސޫލެއް އެކުލަވާލާ ވަނީ އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ބައެއް ޒިއްމާތައް ވަނީ މަތިކޮށްފައެވެ.

މިއުސޫލުގެ ތެރެއިން މާލެއިން ހޯމް ކަރަންޓީނަށް ގެންދިޔަ ފުރަތަމަ ބުރުގެ މީހުން ރޭ 9 ޖެހިއިރު އައްޑޫ ސިޓީއަށް ވަނީ ފުރުވާލާފައެވެ. އައްޑޫއަށް ދިޔަ އެންމެންވެސް ރަށަށް ފުރުވާލާފައި ވަނީ ކޯވިޑް-19ގެ އަލާމާތެއް އެމީހެއްގެ ގައިގައި ހުރިތޯ ބަލައި ޗެކްކުރުމަށްފަހުކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

އެލްޖީއޭއިން ވިދާޅުވީ އައްޑޫ ސިޓީއަށް ދިޔަ 44 މީހުން ބޭއްތިއްބުމަށް އައްޑޫ ސިޓީ ގައި 26 ގެއެއް ހަމަޖައްސާފައި ވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވީ ހޯމް ކަރަންޓީންއަށް ގެންދާނެ މީހުންގެ ލިސްޓް އެކުލަވާލަނީ ރަށްރަށުގެ ކައުންސިލްތަކުންކަމަށާއި އެ މީހުން ރަށަށް ފޮނުވަނީ ކައުންސިލްތަކުން އެކުލަވާލާފައިވާ ލިސްޓުގެ ތަރުތީބުންކަމަށެވެ.

"ޓްރާންސްޕޯޓުގެ ލޮޖިސްޓިކް މަސައްކަތްތައް ޕްލޭން ކުރަނީ އެމްއެންޑީއެފްއިން. މިގޮތުން ވައިގެ މަގުން ރަށްތަކަށް ގެންގޮސްފައިވެސް ކަނޑުމަގުން ދަތުރުކުރަންޖެހޭ ރަށްތަކަސްވެސް މީހުން ގެންދާނެ."އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ހޯމް ކަރަންޓިނާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައި ބުނެފައި ވަނީ ރަށަށް ގޮސް މީހަކު ކަރަންޓީނުވާ ގެއެއްގައި އުމުރުން 60 އަހަރުން މަތީގެ މީހުންނާއި މާބަނޑުމީހުން ތިބެގެންނުވާނެއެވެ. މީގެ އިތުރުން ތަފާތުއެކި ބަލިތަކުގެ ތެރެއިން ނޭވާ ހިއްލުމާއި، ކިޑްނީގެ ބަލި ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ހީމޯގްލޯބިން ޑިސްއޯޑާރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި މީހަކު ހުރި ގެއަކަށްވެސް ވެގެން ނުވާނެއެވެ.

ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. އަދި 24 ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުކަމަށެވެ. އަދި ރަށްރަށަށް ކަރަންޓީނަށް ފޮނުވާ މީހުން އެކަމަށް އިގުރާރުވެ ފޯމެއްގައި ސޮއެކުރަން ޖެހޭނެއެވެ.