ޚަބަރު

ހައިކޯޓުންވެސް ސޯޝަލް މީޑިޔާ މެދުވެރިކޮށް ޝަރީއަތް ލައިވްކުރަނީ


ހައިކޯޓުންވެސް ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް، ސޯޝަލް މީޑިޔާއިން ލައިވްކުރުމަށް ނިންމައިފިއެވެ.

ހައިކޯޓުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާއިން ލައިވްކޮށް ބާއްވާ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިއަދު ހެނދުނު 11.30 ގައި އޮންނާނެ ކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން 15 އޭޕްރީލް އިންފެށިގެން މާލެ ފުރަބަންދުކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އަދި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިމުއްދަތުގެ ތެރޭގައި ބަންދު އަމުރުގެ މައްސަލަތަކުގައި ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ޙާޟިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގައި މޮނިކޮމް އަމުރުގެ 7 އަމުރު ހައިކޯޓުން ނެރެފައިވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެމުއްދަތުގެ ތެރޭގައި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން އަންގަވާފައިވާތީ، "ކޯވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލު" ވަނީ ޢާއްމުކޮށްފައެވެ.

އެއުޞޫލުގެ ދަށުން ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތައް ބާއްވާނެ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި، މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީޢަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާޤުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެކަމަށް އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީޢަތް ހިންގުމަށް ޤާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ އެގޮތަށް ކަމަށް އުޞޫލުގައިވެއެވެ. އެފަދަ ވަޞީލަތެއްނެތްނަމަ ޝަރީޢަތަށް މީހުން ވެއްދުމާއި ނެރުމަށް ހަމަޖެހިފައިވަނީ ޢާންމު ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށްކަމަށް ޢާއްމުކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުން ޝަރީއަތް ލައިވްކުރަން ނިންމިއިރު ސުޕްރީމް ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތް ލައިވްކުރަން ފަށާފައެވެ.