ވިޔަފާރި

މިފްކޯއިން އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރަން ފަށަނީ


ތުރުކީ އަދި ކެނެޑާއަށް ރާއްޖެއިން މަސް އެކްސްޕޯޓުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވީޑިއޯ ކޯލް މެދުވެރިކޮށް ބައިވެރިވެވަޑައިގެން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މިފްކޯއިން މަސް އެކްސްޕޯޓު ކުރަނީ ޔޫރަޕްގެ ޤައުމުތަކަށް ކަމަށެވެ. އެހެންނަމަވެސް އިތުރު މަރކެޓުތަކަށް މަސް އެކްސްޕޯޓުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

" ރޯމަސް މިހާރުވެސް އެބަ އެކްސްޕޯޓު ކުރަން ލެޓިން އެމެރިކާގެ ޤައުމުތަކަށްވެސް، މިފްކޯއިން ދަނީ އިތުރު މަރކެޓުތައްވެސް ހޯދަމުން، އެގޮތުން ތުރުކީ އަދި ކެނެޑާފަދަ ޤައުމުތަކަށް މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ދަޅުމަސް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓު ކުރަނީ ޔޫރަޕްގެ ޤައުމުތަކަށް ކަމަށާއި، ކުރިއަށް އޮތް ތިންމަސް ދުވަހަށްވެސް އޯޑަރުތައް އެބަހުރި ކަމަށް ފައުޒީ ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޑިމާންޑް ދަށަށް ގޮސްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

" ލޮކްޑައުންއަށް ދިޔައިރު ރޯމަހުގެ އަގު ހުރީ 1550 ޑޮލަރުގަ ހުރީ އެހެންނަމެވެސް މިހާރު ހުރީ 1300 ޑޮލަރުގައި، އެހެންނަމަވެސް މަސްވެރިންގެ އަތުން މަސް ގަންނަ އަގަކަށް ބަދަލެއް ނުގެންނާނަން މިފްކޯއިން،" ފައުޒީ ވިދާޅުވިއެވެ.

ފުރަބަންދަށްފަހު ޤައުމުތައް ހުޅުވާލާއިރު މިފްކޯއަށް އިތުރު އޯޑަރުތައް ލިބެމުންދާނެ ކަމަށް އުއްމީދުކުރާކަމަށް ފައުޒީ ވިދާޅުވިއެވެ.