ވިޔަފާރި

ނިމިގެންދިޔަ ރޯދަމަހު މިފްކޯއިން ރެކޯޑް އަދަދަކަށް މަސްދަޅު ވިއްކައިފި


ނިމިގެން ޔަ ރޯދަމަހަކީ މިފްކޯގެ ހަޔާތުގައިވެސް އެންމެ ގިނަ އަދަދަކަށް މަސް ދަޅު ވިކުނު ރޯދަމަސް ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މިއަހަރުގެ ރޯދަމަސް ފުރަބަންދުގެ މުއްދަތާއިވެސް ދިމާވުމުން މިފްކޯގެ އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އުފެދިގެން ދިޔަކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިފްކޯ މަސްދަޅު ގިނަ އަދަދަކަށް ވިކުނުކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

" މިފްކޯގެ ހަޔާތުގައިވެސް މިފްކޯއިން މަސްދަޅު އެންމެ ގިނައިން ވިކުނު ރޯދަމަސް މި ނިމިގެން ދިޔައީ، ގާތްގަނޑަކަށް 1 ލައްކަ 50 ހާސް މަސްކޭސް ވިކިފައިވޭ" ފައުޒީ ވިދާޅުވިއެވެ.

ފުރަބަންދާއެކު ޑިމާންޑު އެންމެ ބޮޑުވެގެންދިޔަ ބާވަތްތަކުގެ ތެރޭގައި މަސްދަޅު ކޭސް ހިމެނެއެވެ. މަސްކޭހަށް އޮތް ރަނގަޅު ޑިމާންޑަށް ބަލާ މިފްކޯއިން ވަނީ އެކުންފުނިން ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ކުރިއަށްގެންދާ 'ފަސްމީރު މިވަރެއްނެތް!' ޕްރޮމޯޝަންގެ މުއްދަތު ޖޫންމަހުގެ ނިޔަލަށް އިތުރުވެސްކޮށްފައެވެ.

މި ޕްރޮމޯޝަނަކީ އާއްމުންގެ މެދުގައި މިފްކޯގެ އެންމެ މަޤްބޫލު ދެ އުފެއްދުން ކަމުގައިވާ "ކަނޑުމަސް ތެލުގައި'' އަދި ''ކަނޑުމަސް ފެނުގައި'' ބަންދުކޮށްފައިވާ މަސްދަޅުގެ އަގު ހެޔޮކޮށް ލިބޭ ޕްރޮމޯޝަނެކެވެ.