ޚަބަރު

ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ޤަތަރުން އަލުން މަސައްކަތް ފަށަނީ


ގަލްފުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް އައު މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޤަތަރުން ބުނެފިއެވެ.

ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާ ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމުތަކުން ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ޤަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުލްރަޙްމާން ޢައްސާނީ ވިދާޅުވީ ތިން އަހަރަށް ދިގުދެމިގެންގޮސްފައިވާ ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތްކަމަށެވެ. އޭނާ ވިދާޅުވީ އަލަށް ފަށާ މަސައްކަތުން ނަތީޖާއަކާ ހަމައަށް ވާޞިލުވެވޭނެކަމަށް ޢުންމީދުކުރައްވާކަމަށާއި ޞުލްޙަ ޤާއިމްކުރުމަށް އަޅައި ކޮންމެ ފިޔަވަޅަކަށް ޤަތަރުން ދިހަ ފިޔަވަޅު އަޅާނެކަމަށެވެ. 2019ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއާއަކު ކުރި މަޝްވަރާތައް ހުއްޓިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކުރިން ކުރެވުނު މަސައްކަތްތަކާ ޚިލާފަށް މި ފަހަރުގެ މަސައްކަތްތައް ބަލައިގަނެ ކާމިޔާބުވާނެކަމަށް ޢުންމީދުކުރައްވާކަމަށެވެ.

ގަލްފު ސަރަޙައްދުގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު އޮންނަނީ ޤަތަރުގައެވެ. އެމެރިކާގެ ފިފްތް ފްލީޓު އަޅާފައި އޮންނަނީ ބަޙުރައިނުގައެވެ. އަދި ސަޢުދީ ޢަރަބިއްޔާގައި އެމެރިކާގެ ފައުޖުތައްވަނީ މަރުކަޒުކޮށްފައެވެ. ގަލްފުގެ ވައިގެ ސަރަޙައްދު އަލުން ޤަތަރަށް ހުޅުވާލުމަށް އެމެރިކާއިންވަނީ އެދިފައެވެ.

ޤަތަރާ ގުޅުންކަނޑާލާފައިވާ ޤައުމުތަކުންވަނީ 13 ޝަރުތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި ތުރުކީވިލާތުގެ އަސްކަރީ މަރުކަޒެއް ބަންދުކުރުމުގެ އިތުރުން އީރާނާއި މުސްލިމު ބްރަދަހޫޑާއެކު އޮންނަ ގުޅުން ކުޑަކުރުމަށްވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް ޤަތަރުންވަނީ މުސްލިމް ބަރަދަހޫޑާއެކު އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނެފައެވެ.