ފޮތި މާސްކު އަޅައިގެން ޢާންމު ތަންތަނަށް ނުކުތުން އެދެވިގެންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިންވަނީ ކުރިން ނިންމާފައިވާ އޮތްގޮތާއި ޚިލާފަށް ފޮތި މާސްކު ބޭނުންކުރުން އެންމެ ރަނގަޅުކަމަށް ބުނެ ކޯވިޑް-19އާ ގުޅޭގޮތުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނުގައި އެކަން ހިމަނައިފިއެވެ.
ފާއިތުވި ހަފުތާތަކުގައި ކޮށްފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޑަބްލިއުއެޗުއޯއިން ނެރުނު އައު ގައިޑްލައިންގައި ބުނެފައިވަނީ ބަލިފެތުރުން މަދުކޮށްދޭ އާލާތްތަކުގެ ތެރޭގައި މާސްކު ހިމެނުނުނަމަވެސް ހަމައެކަނި މާސްކު ބޭނުންކޮށްގެން ބަލިން ރައްކާތެރިވެވޭނެކަމަށް ދެކިގެން ނުވާނެކަމަށެވެ.
ޑަބްލިއުއެޗުއޯގެ މާހިރެއްކަމަށްވާ މާރިއާ ވޭން ކަރޚޮވް ވިދާޅުވީ ފޮތި މާސްކު އަޅައިގެން ޢާންމުން ބޭރަށް ނުކުތުމަށް ހިތްވަރުދިނުމަށް އެ ޖަމްޢިއްޔާއިން ސަރުކާރުތަކަށް ނަސޭހަތްތެރިވަމުންދާކަމަށެވެ. ނަމަވެސް އެއީ ޞިއްޙީ ފަރުވާ ދިނުމުގައި ބޭނުންކުރާ މެޑިކަލް މާސްކު ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އަލަށް ކުރި ދިރާސާތަކަކުން ދައްކާގޮތުގައި ފޮތި މާސްކުވެސް ރަނގަޅަށް ބޭނުންކޮށްފިނަމަ ބަލިޖައްސާ ވައިރަސް ހަށިގަނޑަށް އެތެރެވުމަށް ހުރަހަކަށްވެއެވެ.
ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނާއި ބަލި ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުންނާއެކު މަސައްކަތްކުރާ މީހުން މެޑިކަލް މާސްކު ބޭނުންކުރުމުގައި ދެމިތިބުމަށް ކަރޚޮވް ވިދާޅުވިއެވެ. އޭގެ އިތުރުން ކްލިނިކުތާއި ހަސްފަތާލުތަކާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއި އެފަދަ އެހެން ތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އަބަދުވެސް މާސްކު ބޭނުންކުރުމަށް އެދެވިގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބްލިއުއެޗުއޯއިން ކުރިން ބުނީ ޞިއްޙަތު ރަނގަޅު މީހުން މާސްކު ބޭނުންކުރުމުގެ ފައިދާއެއް އޮތްކަމުގެ ހެކި ލިބިފައިނުވާކަމަށެވެ. އެ ޖަމްޢިއްޔާއިން ކުރިން ބާރުއެޅީ ބަލި މީހުންނާއި އެމީހުންނަށް އެހީވާ މީހުން މެޑިކަލް މާސްކު ބޭނުންކުރުމަށެވެ.