ޚަބަރު

ސްޕެއިނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސްޕެއިންގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެ ޤައުމުގެ އެންމެ ބޮޑު ދެ ސިޓީގައި ލުއިދޭން ފަށާނެކަމަށާއި އެހެން ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް އެ ޤައުމު ޖުލައި 1ގެ ކުރިން ހުޅުވާލާނެކަމަށް ސްޕެއިނުގެ ސަރުކާރުން ބުނެފިއެވެ.

ސްޕެއިނުގެ ޞިއްޙަތާބެހޭ ވަޒީރު ސަލްވާޑޯ އިއްޔަ ވިދާޅުވީ ވެރިރަށް މެޑްރިޑާއި ބާސެލޯނާގައި އަޅާފައިވާ ބައެއް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން ލުއިދޭނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނީ އެ ޤައުމުގެ އެހެން ސަރަޙައްދުތަކަށްވުރެ ހަރުކަށިކޮށެވެ. ސްޕެއިނުގެ ސަރުކާރުން ބުނީ ލުއިތަކާއެކު ރެސްޓޯރަންޓުތަކާއި ކެފޭތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެ ތަންތަނުގެ އެތެރޭގައި ތިބެ ކައިބޮއެ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށާއި ކުޑަކުދިން ބޭރަށް ކުޅެން ނުކުތުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.

ސްޕެއިނުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ރެޔަސް މަރޮޓޯވަނީ އެ ޤައުމުގެ އެއްގަމު ސަރަޙައްދީ ރޮނގުތައް ޖޫން 22ން ފެށިގެން ހުޅުވަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ގިނަ އޮޅުންތަކެއް އަރައި އެ ޤައުމަށްވަނީ އަވަށްޓެރި ޕޯޗުގަލްގެ ފާޑުކިޔުން އަމާޒުވެފައެވެ. ސަރުކާރުގެ ތަރުޖަމާނު މާރިޔާ ޖީސަސް މޮންތޭރޯވަނީ ސަރަޙައްދީ ރޮނގުތައް ހުޅުވާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ޖުލައި 1ކަމަށާއި އެ ނިންމުމަށް ބަދަލެއް އައިސްފައިނުވާކަން ޔަޤީންކޮށްދީފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ މައްޗަށް ސްޕެއިންގެ އިޤްތިޞާދު ވަރަށް ބޮޑަށް ބަރޯސާވިނަމަވެސް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ވިލާތުގެ އިއްތިޙާދުގެ އެހެން ޤައުމުތަކުގެ ރުހުމާ ނުލައި ހުޅުވަން އެ ޤައުމުން ފަސްޖެހެއެވެ.

ސްޕެއިނުގައި 288،058 މީހުންނަށް ކޯވިޑް-19 ޖެހި، 27،134 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުން ބަލިޖެހިފައިވާ 318 މީހުންވަނީ ފެނިފައެވެ. ސްޕެއިނުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ތިން ބައިކުޅަ އެއްބައި މީހުން މަރުވެފައިވަނީ މެޑްރިޑުގައެވެ. އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާމެދު ޢާންމުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވެއެވެ. ބައެއް މީހުން ބުނީ ދެވަނަ ފަހަރަށް ބަލި ފެތުރެންފަށައިފިނަމަ ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ވަޞީލަތްތައް ފުދޭ މިންވަރަށް ލިބެންހުރިކަމަށް ޤަބޫލުނުކުރެވޭކަމަށެވެ.