ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ޖޫން މަސް ނިމުމުގެ ކުރިން ބޭރު ޤައުމުތަކަށް ނުހުޅުވާނެކަމަށާއި ކޯވިޑް-19 ފެތުރޭތީ ދަތުރުކުރުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެ އަވަހަށްވެސް ލުއިދޭން ފަށާނީ ޖުލައި މަހުގެ ތެރޭގައިކަމަށް އެ އިއްތިޙާދުން ބުނެފިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކޮމިޝަނަރު އެލްވާ ޖޮހަންސަން ވިދާޅުވީ ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކުގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ޖޫން 15ގެ ކުރިން ހުޅުވާނެކަމަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން މަސް ނިމުމުގެ ކުރިން ސަރަޙައްދީ ރޮނގު ހުޅުވަން ތައްޔާރުވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ޤައުމުތަކުގެ އެތެރޭގެ ސަރަޙައްދީ ރޮނގުތައް ހުޅުވޭނެކަމަށް ބެލެވެނީ ޖޫން މަސް ނިމޭ ހިސާބުގައިކަމަށާއި ވިލާތުގެ އިއްތިޙާދަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ކުރުމަށް ޖުލައި މަހުން ފެށިގެން ކޮންމެވެސް ވަރަކަށް ޙުއްދަދޭން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޝެންގަން ޒޯނުގައި ހިމެނެނީ ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ 22 ޤައުމުގެ އިތުރުން އައިސްލޭންޑައި ލިޗްޓަންސްޓައިނާއި ނޯވޭއާއި ސްވިޒަލޭންޑެވެ. އެ ސަރަޙައްދުގައި ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ޤައުމުތަކަށާއި ބައެއް އަވަށްޓެރި ޤައުމުތަކާ ދެމެދު ޢާންމުގޮތެއްގައި ސަރަޙައްދީ ރޮނގު ބެލެހެއްޓުމެއް ނޯވެއެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭތީ ޖޫން މަހުގެ 15ވަނަ ދުވަހާ ހަމައަށް އެ ޒޯނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ކުރުންވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ބަލްގޭރިޔާއާއި ކްރޮއޭޝިޔާއާއި ރޯމޭނިޔާއާއި ސައިޕްރަހުންވަނީ ޝެންގަން ސަރަޙައްދުގެ ބޭރުން އަންނަ މީހުންނަށް އެ ޤައުމުތަކަށް ނުވަދެވޭގޮތަށް ނިންމާފައެވެ.
ބޭރު ޤައުމުތަކުގެ ތެރެއިން ވިލާތަށް ދަތުރުކުރުމުގެ ޙުއްދަ ފުރަތަމަ ދޭނީ ކޮން ޤައުމުތަކަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.