ޚަބަރު

ދިޔަވަރު ބޮޑުވާވަގުތު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވޭ


މިއަދުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ޤައުމީއިދާރާއިން ހާމަކުރައްވައިފިއެވެ.އެއިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ މިއަދު ޕީއެސްއެމަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ މެންދުރު 12:00އިން ފެށިގެން ރެއަށްވުރެވެސް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ކަމުން މިކަމަށް ރައްޔިތުން ސަމާލުވެ ތިބުމަށާއި ހާއްސަކޮށް އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުން މިކަމަށް ސަމާލުވެ ތިބުން މުހިންމު ކަމަށެވެ.ޕީ.އެސް.އެމްއަށް  މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ އާދިލް ޝަރީފް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭ މާލޭގެ އިރުދެކުނު ފަރާތަށް އަރާފައިވަނީ މޫސުމީ އުދައެއް ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ތޫފާނެއްގެ އަސަރު ނޫންކަމަށެވެ.އަދި ރޭ ސޮލަމަން އައިލެންޑްސްގެ ކަނޑުގެ އަޑިއަށް ބިންހެލުމެއް އައި ނަމަވެސް، އެއީ ރާއްޖެއާއި 9500 ކިލޯ މީޓަރު ދުރަށް އައި އެ ބިންހެލުމަކަށް ވެފައި އެއާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައިނުވާކަމަށްވެސް އާދިލް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް މިދުވަސްވަރު މޫސުމަށް އައިސްފައިވާ ބަދަލާއި ގުޅިގެން ރާއްޖޭގެ ދެކުނުގެ ހިސާބުތަކުގައި ރާޅުބާނީތަކެއް ބޮޑުވެފައިވާކަން އާދިލް ޝަރީފް ފާހަގަކުރެއްވިއެވެ.މިހާތަނަށް  ދެކުނުގެ އެއްވެސް ރަށަކަށް އުދައިގެ އަސަރު ކޮށްފައި ނުވި ނަމަވެސް، ލ. އަތޮޅުން ފެށިގެން އައްޑުއަތޮޅާއި ހަމައަށް، ރާޅުބާނިތަށް އުސްކޮށް ދައްކާތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެއަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން، މިކަމަށް ސަމާލުވެ އުދައަރާފާނެކަމަށް ބަލައި ސަމާލުވެތިބުމަށްވެސް މޫސުމާއިބެހޭ އިދާރާއިން އިލްތިމާސްކުރައްވައެވެ.