ޚަބަރު

މެޝިނަކަށް މައްސަލަ ދިމާވި ނަމަވެސް ޓެސްޓް ކުރެވޭ އަދަދު މާބޮޑުތަން މަދެއް ނޫން: މަބުރޫކު


ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓް ކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބަހައްޓާފައިވާ މެޝިންތަކުގެ ތެރެއިން އެއް މެޝިނަށް މައްސަލައެއް ދިމާވެފައި ވީނަމަވެސް އެކަމުގެ ސަބަބުން ޓެސްޓް ކުރެވޭ ކެޕޭސިޓީއަށް މާބޮޑު ބަދަލެއް ނާންނަކަމުގައި، ކޯވިޑް-19ގެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަބުރޫކު ވިދާޅުވީ، މިހާރު އައިޖީއެމްއެޗުގައި ހުރި އެކްސްޓްރެކްޝަން މެޝިނަކަށް މައްސަލައެއް ދިމާވެފައިވީ ނަމަވެސް ޓެސްޓުކުރުމުގެ ކެޕޭސިޓީއަށް މާބޮޑު ބަދަލެއް ނާންކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު އެ މެޝިނަށް ބޭނުންވާ ބައެއް ސާމާނު ގެނައުމުގެ މަސައްކަތްކުރައްވަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރު ޤައުމުތަކުގައި އޮތް ފުރަބަންދުގެ ހާލަތުގައިވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމެޝިނަށް ބޭނުންވާ ތަކެތި ގެނެސް އަލުން އެމެޝިން ބޭނުން ކުރަން ފެށޭނެ ކަމުގައި މަބުރޫކު ވިދާޅުވިއެވެ.

މަބުރޫކު ވިދާޅުވީ، އެކަމާއި ގުޅޭ ތަފްސީލްތައް މިރޭ ބާއްވާ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޓެސްޓް ހަދަމުން އައީ އައިޖީއެމްއެޗުގައި ހުރި 3 ޕީސީއާރް މެޝިނާއި ފުލުހުންގެ ފޮރެންސިކް ލެބްގައި ހުރި މެޝިނެއް ބޭނުންކޮށްގެންނެވެ.