ޚަބަރު

ރަށަށްގޮސް ކަރަންޓީނުވާ ގޭގައި 60 އަހަރުންމަތީގެ އެއްވެސް މީހަކު ހުރެގެން ނުވާނެ


ރަށްރަށް ގޮސް ގޭގެގައި މީހުން ކަރަންޓީނު ވާއިރު އެގޭގައި 60 އަހަރުން މަތީގެ މީހުންނާއި މާނބަޑުމީހުން ނޫޅޭ ގެއަކަށް އެ ގެ ވާންޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ކަނޑައަޅައިފިއެވެ. އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން މާލޭގައި ފުރަންބަދުގައި ތިބުމަށްފަހު ރަށްރަށަށް ދާ އެންމެންގެވެސް ދަތުރު ފަތުރުގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސާނީ ސަރުކާރުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލު އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނަށް މީހުން ދާ ގެތަކަކީ އެ އިދާރާއިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ ތަންތަން ތޯ އެ ރަށެއްގެ ކައުންސިލުން ބަލަންޖެހެވެ.

މި ގޮތުން އެގެއަކީ 60 އަހަރުން މަތީގެ އެއްވެސް މީހެއް އަދި މާބަނޑު މީހެއް ނޫޅޭ ގެއަކަށް ވާންޖެހޭނެކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ. މީގެއިތުރުން ނޭވާ ހިއްލުން ، ކިޑްނީގެ ބަލި ،ހަކުރު ބަލި، ހީމޯގްލޯބިން ޑިސްއޯޑަރ، އިމިއުނޯ ކޮމް ޕްރޮމައިޒްޑް، ލިވަރގެ ބަލި އަދި ހިތުގެ ބަލިތައް ފަދަ އެއްވެސް ބައްޔެއް ހުރި މީހަކު އުޅޭ ގެއަކަށް ވެގެންނުވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހޯމް ކަރަަންޓީނުގައި މީހާ ބަހައްޓާއިރު އެގޭގައި ވަކި އިންތިޒާމުތަކެއް ހަމަޖެއްސުމަށްވެސް އެޗްޕީއޭގެ އުސޫލުގައިވެއެވެ. މިގޮތުން ހޯމް ކަރަންޓީނުގައި މީހަކު ބަހައްޓާނަމަ އެމީހަކަށް ވަކި ކޮޓަރިއެއް ހުންނަޖެހޭނެއެވެ. އަދި އެއް ކޮޓަރިއެއްގައި އެކަކަށް ވުރެ ގިނަ މީހުން ތިބޭނަމަ ކޮންމެ އެނދެއްގެ ދުރުމިނުގައި 3 ފޫޓް ހުންނަންޖެހޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އެކޮޓަރިއަކީ އެއަރކޯން ކޮށްފައި ހުންނަ ކޮޓަރިއެއް ނަމަވެސް ކޮންމެ ދުވަހަކުވެސް ވައިދައުރުވާ ގޮތަށް ކުޑަދޮރުތައް ހުޅުވާލަންޖެހޭނެކަމަށްވެސް އެޗްޕީއޭގެ އުސޫލޫގައިވެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ރަށަށް ހޯމް ކަރަންޓީނަށް ދާ މީހެއްގެ މުއްދަތަކީ 24 ދުވަހެވެ. އަދި 24 ދުވަހަށްފަހު ހޯމް ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ނަތީޖާއަށް ބަލާފައިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.