ގުޅިފަޅު ހިއްކައިގެން ބައިނަލް އަގުވާމީ ވިޔަފާރީ ބަނދަރު ހަދަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށްފަހު އެއީ އެންމެ ރަނގަޅުތަން ކަމަށް ގަބޫލު ކުރެވޭތީ ކަމަށް މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރާސްޓަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ގުޅީފަޅު ހިއްކައިގެން ބަނދަރު ހެދުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް މިއަދު ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ އެންވަރމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެވެ.
މިހާރު މާލޭގައި ބޭނުންކުރަމުންދާ ބައިނަލް އަގުވާމީ ވިޔަފާރީ ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް އެފަޅުން ބައެއް ހިއްކަން ނިންމާފައިވާތީ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅީފަޅު ހިއްކައިގެން ބަނދަރު ހެދުމަށް ނިންމީ ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި ގުޅިފަޅު ހަމަޖެއްސީ މާލެ ކައިރިން އެކަން ކުރަން އެންމެ ރަނގަޅުތަނަކީ އެއީ ކަމަށް ދެކިގެން ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މާލޭގައި ބޭނުންކުރަމުންދާ ބަނދަރު ކުޑަވެ އައު ބަނދަރެއްގެ ބޭނުން ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއްބޭފުޅުން ސުވާލު ކުރައްވަފާނެ ތިލަފުށީގައި ކީއްވެހޭ ތިކަން ނުކުރީ، ތިލަފުށީގައި އެކަން ނުކުރީ. ތިލަފުށީގައި މިކަން ކުރުމުގެ ވާހަކަ ވަރަށް ކުރިންސުރެ ދެކެވިފައި އޮތީ. ތިލަފުށީގައި މިކަން ނުކުރި ސަބަބަކީ ތިލަފުއްޓަކީ ކުނި ނައްތާލާ ތަނަކަށްވެފައި އޮތުމުން، ޕޯޓަކީ ހަމަ އެކަނި ދަނގަޑާއި ލަކުޑިއާ ބާލާ ތަނެއް ނޫން. ކާބޯތަކެތި އިމްޕޯޓް، އެކްސްޕޯޓް ކުރަންވެސް ޖެހޭތަނެއް،" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ތިލަފުށީގައި އެކަން ކުރެވެން ނެތުމުން ދެން ބެލީ މާލޭ ކައިރި ތަނެއް ކަނޑައެޅުމުގައި ވަށައިގެންވާ އެހެން ކަންކަމަށެވެ. ރާއްޖެއިން ބޭރުން ގެންނަ މުދާ މާލެ ގެނެސް ރަށްރަށަށް މުދާ ފޮނުވުމުގައި ވެސް މާލެ ކައިރީގައި ބަނދަރު އޮތުން މުހިންމު ކަމަށް ގަބޫލު ކުރެވުނުކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ނިންމީ ކޮންޓްރެކްޓެއްގައި ސޮއި ނުކޮށްހުރި މަޝްރޫއުތައް މަޑުޖައްސާލަން ކަމަށާއި ނަމަވެސް ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ އެއީ ކުރިން ސޮއިކޮށްފައި އޮތް މަޝްރޫއެއް ކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ކޮމެޓީގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ނައީމް ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ ތެރޭގައި ރަނގަޅު ކުރަން ކަމެއް އޮތް ނަމަ އެކަމެއް ރަނގަޅުކުރުމަށް އެންގުމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. އަދި އެ މަޝްރޫއު ހުއްޓުވަން ޖެހޭ ފަދަ މައްސަލައެއް އަދި ފާހަގަ ކުރެވިފައި ނުވާކަމަށެވެ.