ސަރުކާރުގެ މުވައްޒަފުނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ އޮންލައިން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމުގައި ބަހުގެ އެކަޑަމީން ވިދާޅުވެއްޖެއެވެ.
މިއީ މިދުވަސްވަރު އޮތް ފުރަބަންދުގެ ޙާލަތުގައި ގޭގައި ތިބޭއިރު ދިވެހިބަހަށް މީހުން އަހުލުވެރިކޮށް ބަހަށް ޝައުގުވެރިކަން އިތުރުކުރުމަށް އެކަޑަމީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަލަށް ފެށުމަށް ނިންމާފައިވާ ކޯހެއްކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.
ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ މެންދުރު 1400 އަށް ހަމަވާނެކަމަށާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާ މެންދުރު 1400 ޖެހުމުގެކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައަޅުއްވަން ޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން މިކޯހުގައި ބައިވެރިވެފައިވާކަމަށް އެކަޑަމީން ވިދާޅުވެއެވެ.
ވިހި ގަޑިއިރުގެ މިކޯހުގައި ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.
ހިލޭ ކުރިއަށްގެންދާ މިކޯހުގައި ބައިވެރވުމަށް ފޯމުހުށަ އަޅާ ހުރިހާ މީހުނަށްވެސް ފުރުސަތު އޮންނާނެކަމަށްވެސް އެކަޑަމީން ވިދާޅުވެއެވެ. އެކަޑަމީން ސަރުކާރުގެ އޮފީސްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިފަދަ ކޯހެއް ޕްރައިވެޓް އޮފީސްތަކުގެ މުވައްޒަފުންނަށްވެސް ކުރިއަށް ގެންދިޔުމަށް އެކި ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެދެމުންނެވެ.
ފުރަބަންދާއި ދިމާކޮށް ދިވެހިބަހާ ގުޅުންހުރި ކޯސްތަކެއް ބަހުގެ އެކަޑަމީން އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މިހާރުވެސް ޅެންހަދަން ދަސްކޮށްދޭ ކޯހަކާއި ދިވެހި ބަހުން ވާހަކަދައްކަން ދަސްކޮށްދޭ ކޯހަކާއި ނާވިލު ލިޔަން ދަސްކޮށްދޭ ކޯހެއްވެސް އަންނަނީ ހިންގަމުންނެވެ.
އެކަޑަމީން ހިންގާ މިކޯސްތަކުގައި ހުރިހާ ޢުމުރެއްގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ ބަޔަކު މިކޯސްތަކުގައި ބައިވެރިވެފައިވާކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.