ޚަބަރު

ކާނިވާ ސަރަހައްދަށް އުދައެރުން ސަރުކާރުން ގެންދަނީ ގާތުންބަލަމުން


ކާނިވާ ސަރަހައްދަށް އުދައެރުމާ ގުޅިގެން ސަރުކާރުންދަނީ އެކަން ވަރަށް ގާތުން
ބައްލަވަމުންކަމަށާއި، ކަމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަކުން މިކަމަށް
ތައްޔާރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ އޮފީގެ މިނިސްޓަރ މުހައްމަދު
ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.ބުދަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދަށް އުދަ އަރާ އެސަރަހައްދުގައި ފެންބޮޑުވެ، އެސަރަހައްދުގައި ހުރި ބައެއް ހޮޓާ/ރެސްޓޯރެންޓްތަކަށް ގެއްލުން ވެފައިވާތީ އެކަމާގުޅޭގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ  މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، ސޯޝަލް މީޑިއާ ގެ ބައެއް ވަސީލަތްތަކުން މިދަނޑިވަޅު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އެކިއެކި ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް މިއީ ސުނާމީއަކާ ގުޅިގެން އެރި ރާޅެއް ނޫންކަމަށާއި، މިއީ، މޫސުމީ
ގޮތުން އެރި އުދައެއްކަމަށާއި، މިއުދައިގެ ސަބަބުން އިތުރު ނުރައްކަލެއް ނެތްކަމަަށް މޫސުމާ ބެހޭ އިދާރާއިންވެސް ބުނަމުންދާކަމަށް ހުސެއިން ޝަރީފް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އުދަ އެރުމާއި ގުޅިގެން ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން އެކަން ވަގުތުން ވަގުތަށް ބަލައި މޮނިޓަރ ކުރުމަށް ރައީސުލް ޖުމުހޫރިއްޔާ އަންގަވާފައިވާކަމަށެވެ. އެގޮތުން ކުރިއަށް ހުރި ގަޑިތަކުގައިވެސް މިކަމަށް ބަލަމުން ގެންދާނެކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް އުދައިގެ އަސަރު ކޮށްފައިވޭތޯ ސަރުކާރުން ބައްލަވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ވިދާޅުވިއެވެ.