ޚަބަރު

ޓެކްނޮލޮޖީ މިނިސްޓްރީން ކަރުދާހަށް ބަރޯސާވި މިންވަރު ކުޑަކޮށްފި


މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ފާއިތުވި ދެމަސް ދުވަހު ކަރުދާހަށް ބަރޯސާވި މިންވަރު ވަރަށް ބޮޑުތަނުން ކުޑަކޮށްފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ފާއިތުވި ދެ މަސްދުވަހު އެ މިނިސްޓްރީގެ މަސައްކަތްތަކުގައި ކަރުދާސްބޭނުންކުރި މިންވަރު ދައްކައިދޭ ލިޔުމެއް ޓުވީޓްކޮށްފައެވެ. އެލިޔުމުގައިވާ ގޮތުން 19 މާޗުން ފެށިގެން އިއްޔެގެ ނިޔަލަށް 954 ލިޔުމެއް ތައްޔާރުކޮށްފައިވެއެވެ. މިއިން ކޮންމެ ލިޔުމަކީ 3 ކަރުދާހުގެ ލިޔުމެކެވެ. އެހެން ކަމުން އެ ލިޔުންތަކަށް 2862 ކަރުދާސް ބޭނުންވާކަން އެ ލިޔުމުން އެނގެއެވެ.

އަދި އާންމު ހާލަތައް ބަލާއިރު މީގެ ކޮންމެ ކަރުދާހެއް އިބާރާތްކުރުމާއި ކުށް ފިލުވުމާއި ސޮއިކުރުމާއި ހަމައަށް 5 ވަރަކަށް ފަހަރު ޕްރިންޓްކުރެވޭ ކަމަށާއި އެހެން ކަމުން 954 ލިޔުމަށް 14310 ކަރުދާސް ޕްރިންޓް ކުރަންޖެހޭ ކަންވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އެ އަދަދަށް ޕްރިންޓްކުރާ ލިޔުންތަކުގެ ތެރެއިން 11448 ކަރުދާސް ކުނީގެ ގޮތުގައި އުކާލެވޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް ލިޔެކިޔުން ތައްޔާރު ކުރުމުގެ މަރުހަލާގައި އިލެކްޓްރޯނިކް ވަސީލަތްތައް
ބޭނުންކުރަން މަޖުބޫރުވުމުން، 11448 ކަރުދާސް ސަލާމަތްކުރެވުނުކަން އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވެއެވެ. އަދި ކަރުދާސް ގިނަ އަދަދަކަށް ބޭނުން ކުރަން ޖެހުމުން ކަރުދާސް އުފެއްދުމަށް ކަނޑާ ގަސްގަހާގެހިންނާއި އަދި ޕްރިންޓް ކުރުމަށް ބޭނުންކުރާ ޓޯނަރު އުކާލުމުން ތިމާވެއްޓައް ގެއްލުންވެގެންދާކަންވެސް ފާހަގަ ކޮށްފައިވެއެވެ.