ޚަބަރު

އެޑިއުކޭޝަނުން 500 ތަމޯމީޓަރު ހޯދަނީ


ކޯވިޑް-19 އަށްފަހު ސްކޫލްތައް ހުޅުވޭއިރު ސްކޫލްތަކުގައި ބޭނުންކުރުމަށް 500 ޑިޖިޓަލް އައިއާރު ތަމޯމީޓަރު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވަނީ އެތަކެތި މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނި ކަމަށެވެ.

މިބީލަމުގައި ބައިވެރިވުމަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުއްވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަ ހާސް ރުފިޔާ) ހުށަހަޅަންޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅައަޅާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

އަދި މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ 11:00 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12,500 ސައިބޯނި ފުޅި ހޯދަންވެސް އިޢުލާންކޮށްފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާ ރާއްޖޭގެ ސްކޫލްތައް އެންމެ އަވަހަށްވެސް ހުޅުވާނެކަމަށް ލަފާކުރެވެނީ މިމަހުގެ 14 ވަނަ ދުވަހު ދެވަނަ ސެމިސްޓަރާއެކުގައި ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެކުރިންވަނީ ހާމަކުރައްވާފައެވެ.

އައު ޢާއްމު ޙާލަތުގައި ސްކޫލުތަކުގައި ކިޔެވުން ފެށޭއިރު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެކަމަށާއި އެގޮތުން އައު ޢާއްމު ޙާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް މިހާރު ހަދަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ޙާލަތުގައި ކިޔަވައިދޭއިރު ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުޑަވާނެކަމަށާ ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ނުވަތަ ގައިދުރުކޮށް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިމަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.