ޚަބަރު

އައްޑޫސިޓީތެރޭ ދުވާލު ދަތުރުކުރެވޭނެ ހުއްދަ ނަގާކަށް ނުޖެހޭނެ


އައްޑޫ ސިޓީގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި އެއް އަވަށުން އަނެއް އަވަށަށް ވަކި ވަގުތުތަކުގައި ދަތުރުކުރުމުގެ ހުއްދަ ދީފިއެވެ.

މިއަދުން ފެށިގެން އެ ހުއްދަ ދީފައިވަނީ ކޮވިޑް19އާ ގުޅިގެން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮންނަ އޮތުމަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން އާއްމުކުރި އިއުލާންގައިވާ ގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައަކާއި ނުލައި ދަތުރުކުރެވޭނެއެވެ. ނަމަވެސް މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދައިގެންނެވެ. އެގޮތަށް ހުއްދަ ދިނުމަށް ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ އެންގުމުގެ މައްޗަށް ރިޢާޔަތްކޮށް، އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ދިނުމުގެ ބޭނުމުގައިކަމަށް ސަރުކާރުގެ ގެޒެޓްގައި އާއްމުކުރި އިއުލާންގައިވެއެވެ.

މީގެ އިތުރުން، ހުޅުދޫ އަދި މީދޫ ރައްޔިތުން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް ފެރީގެ ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތައް ސަދަރން ޓްރާންޕޯޓް ލިންކްއިން އާއްމުކުރަމުން ގެންދާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ފުލުހުންގެ ހުއްދައާ ނުލައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމަށް ލުއި ފަސޭހަތަކެއް ދިން ކަމުގައި ވީނަމަވެސް، ކޮންމެހެން ދާންޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް އެއްވެ ނުއުޅުމަށް އައްޑޫ ސިޓީ ކައުންސިލް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ލުއި ފަސޭހަތައް މިހެން އޮތްކަމުގައި ވީނަމަވެސް ޕިކްނިކް ދިއުމަކީ މަނާ ކަމެއް ކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ ދަތުރުކުރުމުގައި މިހާރު ލުއިތަކެއް ދިން ނަމަވެސް ކޮވިޑް19ގެ ކޭސްއެއް ފެނި، ހާލަތު ބަދަލުވާ ހިނދު މިކަންކަމަށް ބަދަލު ގެނެވޭނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.