ޚަބަރު

ގުޅިފަޅު މަޝްރޫޢަކީ ތިމާވެއްޓަށް ގެއްލުންވާ މަޝްރޫޢަކަށްވުމުގެ ފުރުސަތު ނުދޭނެ - އެންވަޔަރަންމަންޓް މިނިސްޓަރ


ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުރިއަށްގެންދާ މަޝްރޫޢަކަށްވުމުގެ ފުރުސަތު ނުދޭނެކަމަށާއި، އެގޮތަށް ކަންކަންދާނަމަ އެކަމަށް އިސްލާހީ ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަންމަންޓް މިިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުގެ ގޮތުގައި ކުރިއަށްގެންދާ ގްރޭޓަރ މާލެ ކަނެކްޓްވިޓީ ބްރިޖް މަޝްރޫޢަކީ މާލެ ވިލިމާލެ ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫއާ ގުޅޭ ދިރާސާތައް ކުރިއަށްދާއިރު، އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެގޮތުގައިއޮތީ، ގުޅީފަޅު ހިއްކުމަށް ކުރިއަށްގެންދާ ބޮޑު ޕްރޮޖެކްޓާއެކު ކަނޑާއި ފަޅުތަކަށް ލިބެނޭ ގެއްލުމުގެ ވާހަކައެވެ. އަދި ގިނަ ޑައިވް ޕޮއިންޓްތަކެއްވެސް ގެއްލޭނެކަމަށް އެކި ފަރާތްތަކުންދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކައްދައްވަަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިޕްރޮޖެކްޓަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަމަށެވެ. އަދި ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާނެ ސަރަޙައްދުތަކާއި، ގުޅީފަޅުން މިކަމަށް ބިން ހިއްކާ ސަރަޙައްދުގެ ދިރާސާތައްކޮށް، ކޮންމެ ދުވަހަކުވެސް ލޮނުގަނޑުގެ ސާމްޕަލްނަގާ ޓެސްޓްތައް ހަދަމުންދާކަމަށެވެ. އެގޮތުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އީޕީއޭގެ ސައިންޓިސްޓުންވެސް އެ ސަރަޙައްދުތަކުން ސާމްޕަލް ނަގާ ގަވާއިދުން ދިރާސާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ކަނޑާއި އެއްގަމު ސަރަަޙައްދުގައި ބޯ ހޯލް ތޮރުފައިގެން ކުރާ ދިރާސާތައް ކުރުމުގެ މަސައްކަތެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ކުރަމުންދާއިރުވެސް އެ ސަރަޙައްދުގެ ލޮނުގަނޑު ތަޣައްޔަރުވާ މިންވަރުބަލާ "ޓާރބިޓިޑީ" ޓެސްޓްތައް ހަދާކަމަށެވެ. މި ޓެސްޓްގައި ލޮނުގަނޑު ތަޣައްޔަރު މިންގަނޑުކަމުގައި ބަލަނީ ފަހަކުން މައްޗަށް ދިއުމުންނެވެ. ނަމަވެސް މި ޕްރޮޖެކްޓް ކުރިއަށްދާ ސަރަޙައްދުތަކުގައި މި އަދަދުހުރީ ސުމެއްގައިކަމަށެވެ. މިނިސްޓަރ ވިދާޅުވީ ބްރިޖް މަޝްރޫޢާއި ގުޅިގެން ގުޅީފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫއަކީ ތިމާވެއްޓަށް ގެއްލުނުވާނެހެން، އީއައިއޭގެ މިންގަނޑުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެއްކަމަށެވެ.

"މި މަޝްރޫޢުގެ މަސައްކަތްތައްދަނީ ލޮނުގަނޑުގެ ތަޣައްޔަރުވާ މިންވަރާއި، ވެލިގަނޑަށް އަންނަ ބަދަލާއި، މުޅި ސަރަަޙައްދުގެ ތިމާވެއްޓަށް އަންނަ ބަދަލު ބަލައިގެން. މިންގަނޑާއި ޚިލާފަށް މަސައްކަތްތައް ދާނަމަ، އެކަމެއް ކުރުމުގެ ފުރުސަތެއް ނުދޭނަން. އަދި މިންގަނޑަށްވުރެ އިތުރަށް ދާނަމަ، އިސްލާހީ ފިޔަވަޅުތައް އަޅާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖް މަސައްކަތް ކުރާ ސަރަޙައްދަށް މިހާރުވެސް އީޕީއޭގެ ފަރާތުންގޮސް ބަލާކަމަށެވެ. އަދި މިހާރު މިއޮތް ލޮކްޑައުންގައި މިކަމަށް ބޭނުންވާ ހުއްދަތައް ނެގުމާއި، ދަތުރުފަތުރާއި އަދި ބޭނުންވާ މާލީ އެހީވެސް މިނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ.

ބްރިޖްގެ ދިރާސާގެ މަސައްކަތް ނިންމައި މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. މި ބްރިޖަކީ 6.4 ކިލޯމީޓަރުގެ ބްރިޖެކެވެ. މި މަސައްކަތްކުރަނީ އިންޑިއާގެ ސަރުކާރުގެ އެހީއާއެކުއެވެ.