ޚަބަރު

ހިޔާ ފްލެޓްތައް ޖުލައި މަހު ހަވާލު ކުރެވޭނެ ކަމަށް ދެންނެވިފައި ވަނީ އޮޅުމަކުން: ހައުސިންގ


އަންނަ ޖުލައިމަހުގެ ތެރޭގައި ހިޔާ ފުލެޓްތައް ހަވާލު ކުރެވޭނެކަމަށް މަޖިލީހުގެ ކޮމިޓީބައްދަލުވުމުގައި މިނިސްޓަރަށް ދެންނެވިފައި ވަނީ އޮޅުމަކުން ކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ 7000 ފުލެޓް ހަވާލު ކުރުމާއި ގުޅޭ މަސައްކަތްތައް ކުރިޔަށް ދާގޮތާއި ގުޅޭ ގޮތުން، އެމިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި، ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެވިފައި ވަނީ ޖުލައިމަހަށް ފުލެޓްތައް ހަވާލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ޖުލައިމަހަށް ނިންމާލުމަށް މަސައްކަތް ކުރަމުން ދަނީ ފައިނަލް ލިސްޓުކަމުގައި އެމިނިސްޓްރީން ވިދާޅުވެފައިވެެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ހިޔާފުލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރުމަށް ކަނޑައެޅި ތާރީޚަށް، އެކަން ނުކުރެވި ވަނީ، ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމެންޓްތައް ހެދުމަށް، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދު ފުރަ ބަންދުކުރުމުން ދަތިތަކާއި ކުރިމަތިވުމުން ކަމަށެވެ. އަދި ފުރަބަންދުން ވީއްލުމުން، ގޭގެއަށް ޒިޔާރަތްކޮށް އެސެސްމެންޓްތައް ހަދައި ވީހާވެސް އަވަހަކަށް، ލިސްޓު އާއްމު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެފައިވެެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، ހިޔާ ފުލެޓްތަކުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރެވޭނެ ކަމުގައި އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.