ކޯވިޑް-19 ފެތުރޭތީ ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު އިންޑިޔާގެ ވިޔަފާރި މަރުކަޒުތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތައް އަންނަ ހަފުތާގައި ހުޅުވަން ނިންމައި އެ ތަންތަން ހުޅުވުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ޢާންމުކޮށްފިއެވެ.
ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ނުފެތުރޭހާ ހަލުވިމިނުގައި އިންޑިޔާގައިދަނީ ކޯވިޑް-19 ފެތުރެމުންނެވެ. އެ ޤައުމުގައި 229،500އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 2،900 މީހުން މަރުވެފައެވެ. އެއާއެކު އިންޑިޔާ ފާހަގަވެފައިވަނީ ދުނިޔޭގައި ކޯވިޑް-19ގެ އަސަރު 7ވަނައަށް އެންމެ ބޮޑަށްކޮށްފައިވާ ޤައުމުގެ ގޮތުގައެވެ.
ހަލުވިކަމާއެކު ބަލިފެތުރެމުނުނަމަވެސް ޤައުމު ބަންދުކޮށްފައި ބޭއްވުމުގެ ސަބަބުން ކުރިމަތިވާ ބޮޑެތި އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް އިންޑިޔާގައި މާރިޗު މަހުން ފެށިގެން އިޢުލާނުކޮށްފައިވާ ހަރުކަށި ފުރަބަންދަށް އެ ޤައުމުގެ ސަރުކާރުންވަނީ ލުއިދޭން ފަށާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން ޖޫން އަށްވަނަ ދުވަހުން ފެށިގެން ވިޔަފާރި މަރުކަޒުތަކާއި ރެސްޓޯރަންޓުތައް ހުޅުވަން ނިންމާފައިވީނަމަވެސް އެ ތަންތަން ހުޅުވޭނީ ޚާއްޞަ ފިޔަވަޅުތަކާއެކުގައެވެ. ރެސްޓޯރަންޓުތަކުގައި މޭޒު އަތުރަން ޖެހޭނީ ވަކި ދުރުމިނެއްގައެވެ. އެ ތަންތަނުގެ ފިނިހޫނުމިނާއި ވައިގެ ތެތްކަން ހުންނަންޖެހޭ ކަނޑައަޅާފައިވާ މިންވަރުގައެވެ. ވިޔަފާރި މަރުކަޒުތަކުގައި ހުންނަ ސިނަމާތަކާއި ޕާކުތައްފަދަ ތަންތަން ހުޅުވުމުގެ ޙުއްދަދޭން ނިންމާފައެއް ނުވެއެވެ. ހޮޓާތަކުގައި މަޑުކުރާ ދަތުރުވެރިންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ހުމުގެ އަސަރު ހުރިތޯ ބަލަންޖެހޭނެއެވެ. އޭގެ އިތުރުން ހުރިހާ ވަގުތެއްގައި މާސްކު އެޅުން ލާޒިމުވާނެއެވެ.