ޚަބަރު

ކޯވިޑް-19 ހަނދާންކޮށްދިނީ ވެއްޓަށް ބަރޯސާވާންޖެހޭ މިންވަރު: އެންވަޔަރަންމަންޓް މިނިސްޓަރ


ކުރިމަތިވެފައިމިވާ ބަލިމަޑުކަމުގެ ވަބާއިން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އެއްކަމަކީ، ވެށްޓަށް އަޅުގަނޑުމެން ބަރޯސާވާންޖެހިފައިވާ މިންވަރުކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅޭ ގޮތުން ނެރުއްވި މެސެޖުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ، މިއަދު ކުރިމަތިވެފައިމިވާ ބަލިމަޑުކަމުގެ ވަބާއިން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އެއްކަމަކީ، ވެށްޓަށް އަޅުގަނޑުމެން ބަރޯސާވާންޖެހިފައިވާ މިންވަރު ކަމަށާއި އެހެންކަމުން މިއީ، ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދުނިޔޭގެ ޠަބީޢަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެމައްޗަށް ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށްވުރެ މޮޅަށް ދިރއުޅުން ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހަދަންޖެހޭ ކަމަށެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައި މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު ކަމުގައިވާ "ޓައިމް ފޯރ ނޭޗާރ' (ދުނިޔޭގެ ތަބީޢަތާއި މެދު ވިސްނައި ގޮތް ނިންމުމުގެ ވަގުތު)، މި ޝިޢާރު އަމާޒު ކުރެވެނީ، އިންސާނީ ތަރައްޤީ އާއި ދުނިޔޭގެ ދިރުންތައް އަށަގަންނުވައި ދެމެހެއްޓުމުގައި ދުނިޔޭގެ ތަބީޢަތު އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދިވެހީންގެ ދިރިތިބުމާއި
ދިރިތިބުމަށްޓަކައި ކާނާއާއި އާމްދަނީ ހޯދުމަށް ކުރާ މަސްއްކަތްތައް ބިނާވެފައި ވަނީވެސް ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ވެށީގެ ޚިދުމަތްތަކުގެ މައްޗަށް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

އަދި އިޤްތިޞާދީ ކުރިއެރުން ހޯދުމުގައްޔާއި، ކާބޯތަކެތި ހޯދުމުގައި ބަރޯސާވާންޖެހިފައި ވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަ ފަރުތަކާއި ސާފު ކަނޑުތަކުން ފޯރުކޮށްދޭ ޤުދުރަތީ މުއްސަނދިކަމާއި ޚިދުމަތްތަކުގެ މައްޗަށްކަން ފާހަގަކުރައްވައި އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ މައްޗަށް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައްޔާއި ސާފު ބޯފެން ހޯދުމުގައްޔާއި ގޮނޑުދޮށްތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމުގައްޔާއި ވެލި އުފެދޭކަން ކަށަވަރުކުރަމުން ދިޔުމުގައްޔާއި ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގައި އަޅުގަނޑުމެން ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށްކަމުގައިވެސް އެންވަރަންމަންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ ވެށްޓަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ނުހަނު އަގުކުރި ތަރިކައެއް ކަމަށާއި އެހެންކަމުން، އެތަރިކަ އަޅުގަނޑުމެން ހިމާޔަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ހުރިހައި ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމުގައިވެސް، ވެށްޓަށް ތަކާ މިންވަރެއްގައި ކަންކަންކުރާކަން ކަށަވަރުކުރަމުން ގެންދަންވާނެ ކަމަށާއި އަދި، ޤުދުރަތީ މުއްސަނދިކަން ހަރުދަނާގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނެވި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭންޖެހޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެންގެ ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށުފެންވަރުގައްޔާއި ޤައުމީފެންވަރުގައި އަޅާފިޔަވަޅުތައް އެޅުމުގައި ފަރުދީގޮތުން ބައިވެރިވުމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވައި ވެށްޓާމެދު އޮތް ބުރަބޮޑު ޒިންމާ އުފުލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.