ޚަބަރު

ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް 8.8 ބިލިއަން ޑޮލަރު


ދަ ގާވީ ވެކްސިންސް އެލަޔަންސުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ހޯދައިފިއެވެ.

ގާވީއަކީ ގަނޑުކޮށް ވެކްސިން ގަނެ ފަޤީރު ޤައުމުތަކަށް އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާ ހިންގަނީ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއާއި ވޯލްޑް ބޭންކާއި އދގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ވުޒާރާ، ޔުނިސެފާއި އެނޫންވެސް ގިނަ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކުއެވެ.

އެހީ ހޯދުމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި ބައްދަލުވުމެއްގައި ގާވީން ބުނީ ސަރުކާރުތަކުންނާއި ކުންފުނިތަކާއި އެހީދޭ ޖަމާޢަތްތަކުންވަނީ 2025ވަނަ އަހަރާ ހަމައަށް ވެކްސިން ޕްރޮގްރާމު ހިންގުމަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިކަމަށެވެ. އެ ޖަމްޢިއްޔާއިން ބުނީ އެއްކުރުމަށް ޢަމާޒުކުރި 7.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ދިނުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގައި ދިރިއުޅޭ 300 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް ހިމަބިއްސާއި ޕޯލިއޯއާއި ޑިފްތީރިޔާފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ގާވީން ބުނީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވުމުން ފަޤީރު ޤައުމުތަކަށް އެ ވެކްސިން ފޯރުކޮށްދިނުމަށް އެ ޖަމްޢިއްޔާއިން އެއްކުރަން އަމާޒުކޮށްފައިވާ 2 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 567 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެކަމަށް ޔަޤީންވެފައިވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމާއި އެނޫންވެސް އުނދަގޫތަކުގެ ސަބަބުން އެއް އަހަރުން ދަށުގެ 80 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވެކްސިން ނުދެވި، އެކި ބަލިތަކަށް އެ ކުދިން ހުށަހެޅިފައިވާކަމަށް ގާވީއާއި ޑަބްލިއުއެޗުއޯއާއި ޔުނިސެފުންވަނީ ބުނެފައެވެ.