ޚަބަރު

އެމެރިކާއަށް ދަތުރުކުރަން ޗައިނާގެ މަތިންދާބޯޓުތަކަށް ޙުއްދަދެނީ


ޗައިނާގެ މަތިންދާބޯޓުތައް އެމެރިކާއަށް ދަތުރުކުރުން މަނާކުރަން ނިންމި ނިންމުމަށް އެމެރިކާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބަދަލުކުރަން ނިންމައިފިއެވެ.

އެމެރިކާގެ މަތިންދާބޯޓުތައް ޗައިނާއަށް ދަތުރުކުރަން ޙުއްދަ ނުދިނުމުން ޗައިނާއާއި އެމެރިކާއާ ދެމެދު ވެފައިވާ ވައިގެ ދަތުރުފަތުރުކުރުމުގެ އެއްބަސްވުމަކާ ޗައިނާއިން ޚިލާފުވިކަމަށް ބުނެ އެމެރިކާއިންވަނީ ޗައިނާގެ މަތިންދާބޯޓުތަކަށް އެ ޤައުމަށް ދަތުރުނުކުރެވޭނެކަމަށް ނިންމައިފައެވެ. އެގޮތަށް ނިންމީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ކޯވިޑް-19ގެ ސަބަބުން ގޯސްވެފައިވަނިކޮށެވެ.

އެމެރިކާއިން އެގޮތަށް ނިންމުމުން ޗައިނާއިންވަނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރޭތީ ވައިގެ ދަތުރުތައް މަދުކުރުމަށް ނިންމި ނިންމުމަށް ލުއިދިނުމަށް ނިންމައިފައެވެ. އެ ބަދަލު ގެނައުމުން އެމެރިކާގެ މަތިންދާބޯޓުތަކަށް ހަފުތާއަކު އެއް ފަހަރު ޗައިނާއަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް އެ ޢަދަދަކީ އެމެރިކާއާއި ޗައިނާއާ ދެމެދުވެފައިވާ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ޙުއްދަކުރާ އަދަދަށްވުރެ ދަށް ޢަދަދެކެވެ.

އެމެރިކާގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގެ މަތިންދާބޯޓުތަކަށް ޗައިނާއަށް ތާވަލް ދަތުރުކުރުމަށް ޙުއްދަދޭ ޢަދަދަށް ޗައިނާގެ މަތިންދާބޯޓުތަކަށް އެމެރިކާއަށް ދަތުރުކުރެވޭނެކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ދެ ޤައުމަށް ލިބޭ ފުރުޞަތުތައް ހަމަހަމަ ކުރުމަށްކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.