ޚަބަރު

އެމެރިކާގައި މުޒާހަރާކުރާ މީހުން ކޯވިޑް-19އަށް ތަހުލީލުކުރުމަށް އެދިއްޖެ


އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުން ކޯވިޑް-19އަށް ތަހުލީލުކުރުމަށް އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ސީޑީސީން އެދިއްޖެއެވެ.

ކަޅު ނަސްލުގެ މީހަކު އަނިޔާވެރިކޮށް ހައްޔަރުކުރުމުގެ ތެރޭގައި އޭނާ މަރުވުމުން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތްކުރައްވާ ސީޑީސީގެ ޑިރެކްޓަރު ރޮބަޓް ރެޑްފިލްޑް ވިދާޅުވީ ބަލި ފެތުރުން ދަށްވެފައިނުވާ ސަރަޙައްދުތަކުގައި މަގުމައްޗަށް ނުކުމެއުޅޭ މީހުން ކޯވިޑް-19އަށް ތަހުލީލުކުރުން ވަރަށް އެދެވިގެންވާކަމަށެވެ. އޭނާ ވިދާޅުވީ އެއްވުންތަކުގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރުވެގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށާއި ބަލިފެތުރޭ މިންވަރު ދަށްކުރެވޭނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ޢަދާކޮށް އަމިއްލައަށް ތަހުލީލުކުރަންޖެހޭކަން ދަނެ އެގޮތަށް ޢަމަލުކުރުމުންކަމަށެވެ.

އެމެރިކާގެ ހައުސް އެޕްރޮޕްރިއޭޝަން ސަބް ކޮމިޓީންވަނީ މުޒާހަރާތައް ރޫޅާލުމަށް ކެމިކަލް ބޭނުންކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޮމިޓީން ބުނީ ކެމިކަލް ބޭނުންކުރުމުން ޢާންމުންގެ މެދުގައި ކެއްސުން އިތުރުވާނެކަމަށާއި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވާކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަންޕަށް ނުވަތަ ދިފާޢީ ބާރުތަކަށް މުޒާހަރާތައް ރޫޅާލުމުގައި ކެމިކަލް ބޭނުން ނުކުރުމަށް ސީޑީސީން ނަސޭހަތްތެރިވެފައިވޭތޯ ސަބް ކޮމިޓީންވަނީ ސުވާލުކޮށްފައެވެ. ރެޑްފިލްޑް ވިދާޅުވީ މުޒާހަރާކުރާމީހުންނަށް މޫނުނިވާކުރުމަށް މަގުފަހިކޮށްދިނުމަށާއި މާސްކު ފޯރުކޮށްދިނުމަށް އެދިފައިވާނެކަމަށެވެ. އަދި ދެން އެންމެ އަވަހަށް ބާއްވާ ކޮރޯނާވައިރަސް ޓާސްކް ފޯސް ބައްދަލުވުމުގައި އެ ވާހަކަ ދައްކަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސީޑީސީގެ ޑިރެކްޓަރު ވިދާޅުވީ ކޯވިޑް-19 ހަލުވިކޮށް ފެތުރޭ މިސޫރީގެ ބައެއް ސަރަޙައްދުތަކަށާއި ސްޕޭސްއެކްސް ރޮކެޓު އުދުއްސާލި ދުވަހު މީހުން އެއްވެފައިވާ ޢަދަދުތަކުން ޞިއްޙީ އިދާރާތަކުން މާސްކު އެޅުމަށާއި އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން ދެމުންދާ އިރުޝާދުތަކަށް ޢާންމުން ސަމާލުކަން ނުދޭކަން ފާހަގަވެފައިވާކަމަށެވެ.