ޚަބަރު

ކޯވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ ޢަދަދު އިޓަލީވިލާތަށްވުރެ އިތުރުވެއްޖެ


ކޯވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ ޢަދަދު އިޓަލީވިލާތަށްވުރެ އިތުރުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން އިޓަލީވިލާތުގައި 33،689 މީހުންވަނީ މަރުވެފައެވެ. އެ ޤައުމު ފާހަގަވެފައި އޮތީ އެ ބަލީގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމުގެ ގޮތުގައެވެ. ނަމަވެސް ކޯވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ ޢަދަދުވަނީ އެއަށްވުރެ އިތުރުވެ 34،039އަށް އަރާފައެވެ. ބްރެޒިލަކީ އެމެރިކާއާއި އިނގިރޭސިވިލާތަށްފަހު ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން ބަލިމަޑުމަކުގައި މަރުވެފައިވާ ޤައުމެވެ.

ބްރެޒިލުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދުވަނީ ފާއިތުވި ތިން ދުވަހު ރެކޯޑް ޢަދަދަކަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 30،925 މީހުންނަށް ބަލިޖެހި 1،437 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ބްރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯވަނީ އެ ބައްޔަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވާ އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ ޤައުމުގެ އިޤްތިޞާދު ސަލާމަތްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމަށް ސަރަޙައްދީ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައެވެ. ޞިއްޙީ މާހިރުންވަނީ އެ ސަރަޙައްދުގެ ޤައުމުތަކުގެ އިޤްތިޞާދުތައް އަލުން ހުޅުވައިލުމުގައި ސަމާލުވުމަށް ގޮވާލާ، ޢާންމު ތަންތަނުގައި މީހުން އެއްވެ ނޫޅުމަށް ނަޞޭހަތްތެރިވެފައެވެ.

މެދުތެރޭ އެމެރިކާގެ ޤައުމެއްކަމަށްވާ މެކްސިކޯގެ ރައީސް އަންދްރޭސް މަނުއަލް ލޮޕޭޒް އޮބްރަޑޯވެސްވަނީ ކޯވިޑް-19އާމެދު ޢާންމުން ހާސްނުވުމަށް ގޮވާލައި، އެ ޤައުމުގައި މަރުވާ މީހުންގެ ނިސްބަތް އެހެން ޤައުމުތަކަށްވުރެ ދަށްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އާބާދީގެ ނިސްބަތުން ބަލާނަމަ ކޯވިޑް-19 ޖެހިގެން ދުނިޔެއިން 7ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެ ޤައުމުގައެވެ.

މެދުތެރޭ އެމެރިކާގެ ގިނަ ޤައުމުތަކުގެ މީހުންނަކީ ނުރަސްމީ ވަޒީފާތައް ޢަދާކޮށް ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންކަމުން މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގެ ފުރުޞަތު ނުލިބޭތީ އެ ސަރަޙައްދުގެ ޤައުމުތަކުގައި ބަނޑުހައިހޫނުކަންވަނީ އިތުރުވެފައެވެ. އަދި ޤައުމުތަކުގެ މާލިއްޔަތަށްދަނީ ބާރު ބޮޑުވަމުންނެވެ. އެހެންކަމުން އިޤްތިޞާދުތައް އަލުން ހުޅުވުމަށް އެ ޤައުމުތަކުގެ އިސްވެރިން ބޭނުންވެއެވެ.