ޚަބަރު

އީރާނުން ހައްޔަރުކުރި އެމެރިކާ މީހެއް މިނިވަންކޮށްފި


2018ވަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރުކޮށްފައިހުރި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއްކަމަށްވާ މައިކަލް ވައިޓް އެ ޤައުމުން މިނިވަންކޮށްފިއެވެ. އޭނާ މިނިވަންކޮށްފައިވަނީ އެމެރިކާގައި ހުރި އީރާނާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޑޮކްޓަރެއްކަމަށްވާ މާޖިދު ތަހޭރީ އިރާނަށް ޒިޔާރަތްކުރުމުގެ ޙުއްދަދިނުމަށް ޝަރުތުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އީރާނުގެ ޖަލެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު މާރިޗު މަހުގެ މެދުތެރޭގައި މައިކަލް ވައިޓަށް ކޯވިޑް-19 ޖެހުމުން އީރާނުންވަނީ އޭނާގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް ޖަލުން ދޫކޮށްލާފައެވެ. ނަމަވެސް އޭނާހުރީ ސްވިޒަލެންޑުގެ ބެލުމުގެ ދަށުގައި އީރާނުގައެވެ. އެމެރިކާއާއި އީރާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައިނުވާތީ އެމެރިކާއާ ގުޅުންހުރި ކަންކަމުގައި އީރާނާއެކު މަޝްވަރާކުރުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރަނީ ސްވިޒަލެންޑެވެ.

އެމެރިކާގެ ރަސްމީ ރިޔާސީ އިދާރާ، ވައިޓުހައުސްގެ ތަރުޖަމާނަކު ބުނީ އީރާނުން މައިކަލް ވައިޓް ދޫކޮށްލުމަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ލިބޭ ފުރުޞަތަކަށްވުން އެކަށީގެންވާކަމަށެވެ.

ވިޔަފާރީގެ ސިއްރުތަކެއް ވަގަށްނެގިކަމުގެ ތުހުމަތުކުރެވޭ ވައިޓް މިނިވަންކޮށްފައިވަނީ އެމެރިކާގައި ހައްޔަރުކޮށްފައިހުރި އީރާނުގެ ޕްރޮފެސަރު ސިރުސް އަސްޤަރީ އެމެރިކާއިން ފޮނުވާލިތާ ދެ ދުވަސް ފަހުންނެވެ. ނަމަވެސް އީރާނާއި އެމެރިކާއިންވަނީ އަސްޤަރީ ދޫކޮށްލީ ވައިޓުގެ ބަދަލުގައި ނޫންކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މިދިޔަ ޑިސެމްބަރު މަހު އެމެރިކާއާއި އީރާނުވަނީ ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަސައްކަތްކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޖާސޫސްކުރުމުގެ ތުހުމަތުގައި އީރާނުގައި 3 އަހަރުވަންދެން ހައްޔަރުކޮށްފައިހުރި އެމެރިކާގެ ރައްޔިތެއްކަމަށްވާ ޒިޔު ވޭންގާއި އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުގެ ދައުވާ އުފުލާފައިވާ އީރާނުގެ މައްސޫދު މުލައިމާނީވަނީ ދެ ޤައުމުގެ މެދުގައި ބަދަލުކޮށްފައެވެ.