ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން 243 މީހަކު އެ ގައުމަށް އަނބުރާ ގެންގޮސްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ބުދަ ދުވަހާއި އިއްޔެވެސް ވަނީ ޗާރޓަރ ފްލައިޓުގައި އިންޑިޔާ މީހުން ގެންގޮސްފައެވެ.
އިންޑިގޯ ފްލައިޓްގައި ގެންދިޔަ މި މީހުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީން ކަމަށްވެސް ރާއްޖޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަނުން ކުރި ޓުވީޓްގައި ބުނެފައިވެއެވެ.
އިންޑިޔަން ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ވަނީ އިއްޔެ ގެންދިޔަ މީހުންނާއެކު ރާއްޖޭގައި ތިބި އިންޑިޔާ ރައްޔިތުންގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން އެ ގައުމަށް އަނބުރާ ގެންގޮސްފައިވާކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ އިތުރު މީހުން ބަލައި އިންޑިއާގެ އަސްކަރީ މަނަވަރު ޖަލަޝްވާ އިއްޔެ ވަނީ އައިސްފައެވެ. މިއީ މި މަނަވަރު އިންޑިޔާ މީހުން ބަލައި އައި ހަތަރު ވަނަ ފަހަރެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރުން ލަންކާގައި ތިބި އިންޑިއާގެ 700 ރައްޔިތުން މި މަނަވަރުގައި އަނބުރާ ޤައުމަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.