ޚަބަރު

މާދަމާރޭ ހުރިހާ ރަށެއްގައިވެސް ކޭތަނަމާދު ކުރާނެ


ހުކުރު ދުވަހުގެ ރޭ ރާއްޖެއަށް ފެންނަ ހަނދު ކޭތައާ ގުޅިގެން އެރޭ ކޭތަ ނަމާދު ކުރުން ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 22:45ން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ރާއްޖެއަށް ފެންނާނެ ކަމަށާއި، އެހެންކަމުން އެރޭ މެންދަމު 00:15 ގައި ކޭތަނަމާދު ކުރުން ހުރިހާ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި އޮންނާނެ ކަމަށެވެ.

މި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، އެރޭގެ މެންދަމު 00:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 02:04 ގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއީ ފަނޑުހިޔަނީގެ ކޭތައަކަށްވުމުން ކޭތަފާޅު ވާނީ ވަރަށް ކުޑަކޮށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 00:15 ގައި ކޭތަނަމާދު ކުރެވޭނޭ އިންތިޒާމު ރަށްރަށުގެ ރަށުކައުންސިލްތަކުން ހަމަޖައްސައި ދިނުމަށް އެދިފައެވެ. އަދި ކޭތަ ނަމާދުގެ ޚުތުބާ މިހާރު ވަނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.