ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ފުލުހުން ތަޙްޤީގުކުރާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މަޖިލިސްތެރޭގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިއަދުގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ މުޢައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުން ހިމެނޭކަމަށެވެ.
އެގޮތުން ސަލާމަތީ އަދި ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއަށްވަދެ ޤާނޫނީ އިމުން ބޭރުވުމަކީ ސަރުކާރުން ކުރާނެކަމެއް ނޫންކަމުގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ، މަޖިލިސް އިދާރާގައި ހިނގައި ދިޔަ ކަންކަން ފުލުހުންނަށް ހުށައަޅާފައި ވާއިރު، އެކަންކަން އިންސާފުވެރިކަމާއެކު އެމައްސަލަތައް ބަލައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
"އިންސާފުވެރިކަމާއެކު އެމައްސަލަތައް ބަލައި ތަޙްޤީގުކުރެވި، ލިިބިދޭންޖެހޭ ޙައްޤު ކޮންމެ ފަރާތަކަށްވެސް އެންމެ ޙައްޤުގޮތުގައި ލިބިދިނުމަށް މަސައްކަތްކުރުން، އެއީ އަޅުގަނޑު ހިތުން މިކުރާ މަސައްކަތް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެމައްސަލަތައް އިންސާފުވެރިކަމާއެކުބެލި، ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައިދުނުމަށް ފުލުހުންގެ ފަރާތުން ކޮށްދެންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާނަން" މިނިސްޓަރ ވިދާޅުވިއެވެ.
އާދީއްތަދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހަމަނުޖެހުން ހިނގީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނެރުމުގެ ތެރޭގައެވެ.
އެހަމަނުޖެހުންތަކުގައި ބައެއް މެމްބަރުންނަށް އަނިޔާވެސް ވެފައި ވެއެވެ.