ޚަބަރު

މަނާކޮށްފައިވަނިކޮށް ހިދުމަތް ދީގެން މަޒާޑާ ކެފޭ ޖޫރިމަނާކޮށްފި


މާލެ ފުރަބަންދުކޮށްފައިވަނިކޮށް އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ޚިދުމަތް ދީގެން މަޒާޑާ ކެފޭ ޖޫރިމަނާކޮށްފިއެވެ.

މާލެއިން ކޯވިޑް ފެނި ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގެ ހުރިހާ ކެފޭ ރެސްޓޯރަންޓްގައި ހިދުމަތް ދިނުންވަނީ މަނާކޮށްފައެވެ. ކެފޭ ރެސްޓޯރަންޓްތަކުން ދެވޭނީ ޑެލިވަރީކުރުމުގެ ހިދުމަތެވެ.

ފުލުހުން ވިދާޅުވީ މަޖީދީމަގު ލަގްޒަރީ ފިހާރާއާއި ޖެހިގެން ހުންނަ މަޒާޑާ ކެފޭގައި ހިދުމަތް ދެމުންދާކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ގޮސް ބެލިއިރު އެތަނުގައި ހަތަރު މީހުން ތިބިކަމަށެވެ. އަދި މި ހަތަރު މީހުންނަކީ މަގުމައްޗަށް ނުކުމެ އުޅުމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ބައެއްކަމަށާއި އެމީހުން ތިބީ އެތަނުން ހިދުމަތް ހޯދުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ހަތަރު މީހުން ނަގަންޖެހޭ ހުއްދަ ނުނަގާ ބޭރުގެ އުޅުނު މައްސަލާގައި ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އެޗްޕީޕީއޭގެ އިއުލާނާއި ހިލާފަށް ހިދުމަތް ދީފައިވާތީ މަޒާޑާ ކެފޭވެސް ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަބަންދުގެ އުސޫލްތަކާއި ހިލާފުވެގެން މިއަދުވެސް 167 މީހަކު މާލެ އިންވަނީ ޖޫރިމަނާކޮށްފައެވެ. އަދި ހުޅުމާލެއިން 8 މީހަކު ވިލިމާލެ އިން އެކަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.