ޚަބަރު

މެންބަރަކަށް ކޯވިޑް-19 ޖެހުމުން އިސްރާއީލުގެ މަޖިލިސް ބައްދަލުވުންތައް މެދުކަނޑާލައިފި


އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ކޯވިޑް-19 ޖެހުމުގެ ސަބަބުން އެ މަޖިލީހުގެ ބައްދަލުވުންތައް މެދުކަނޑާލައިފިއެވެ.

އިސްރާއީލުގެ ޤާނޫނުހަދާ މަޖިލިހުގެ މެންބަރެއްކަމަށްވާ ސާމީ އަބޫ ޝަހާދާވަނީ އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށް ވިދާޅުވެ، ފާއިތުވި ދުވަސްތަކުގައި އޭނާއާ ބައްދަލުވެފައިވާ މީހުން އަމިއްލައަށް އެކަހެރިވެ ކޯވިޑް-19އަށް ތަހުލީލުކުރުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ މުޖުތަމަޢުގައި އަދިވެސް ބަލިޖައްސާ ކޮރޯނާވައިރަސް ފެތުރޭކަމަށާއި ކުރީގެ ޢާދަތަކަށް ރުޖޫޢަވެއްޖެނަމަ ބަލިފެތުރޭ މިންވަރު އިތުރުވާނެކަމަށެވެ.

120 މެންބަރުން ހިމެނޭ ޤާނޫނުހަދާ މަޖިލީހުގެ އިދާރާއިންވަނީ ކޮންމެހެން މަސައްކަތަށް ނުކުންނަން ނުޖެހޭ މުވައްޒަފުން ގޭގައި މަޑުކުރުމަށް އަންގާފައެވެ. އަދި މަޖިލީހުގެ މެންބަރަކަށް ކޯވިޑް-19 ޖެހުމުގެ ސަބަބުން ކޮށްފައިވާ އަސަރު ދެނެގަތުމުގެ މަސައްކަތްކުރަމުންދާތީ ހުރިހާ ކޮމެޓީ ބައްދަލުވުންތައް ފަސްކޮށްފައިވާކަމަށް ބުނެފައެވެ.

އިސްރާއީލުގައި ކޯވިޑް-19 ފެތުރެންފެށުމުން އެ ޤައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް، އިސްރާއީލުގައި ބަލި ފެތުރޭ މިންވަރު ދަށްވާންފެށުމުން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވަނީ ލުއިދޭން ފަށައިފައެވެ. އެގޮތުން، މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގެ މަދަރުސާތައްވަނީ ހުޅުވާފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ 42 މަދަރުސާއެއްވަނީ އަނެއްކާވެސް ބަންދުކޮށްފައެވެ.