ޚަބަރު

ޗައިނާގެ ރައީސާ ދެކޮޅަށް ފިޔަވަޅުއަޅަން ނުވިސްނަން: ޓްރަންޕް


ހޮންގުކޮންގުގައި ޤައުމީ ސަލާމަތާބެހޭ ޤާނޫނު ތަންފީޒުކުރެއްވުމަށް ނިންމެވިނަމަވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅުއްވަން ނުވިސްނަވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

ޗައިނާއިން ހޮންގްކޮންގާމެދު ޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން އެމެރިކާއިން ހޮންގުކޮންގަށް ދީފައިވާ ޚާއްޞަ އިނާޔަތްތައް ކަނޑާލުމަށްވަނީ ނިންމާފައެވެ. ހޮންގުކޮންގުގެ މިނިވަންކަމަށް އަރައިގަނެފައިވާ ހުރިހާ ފަރާތްތަކަށް ވަކިވަކިން ފިޔަވަޅު އަޅުއްވާނެކަމަށް ޓްރަންޕްވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ރައީސް ޝީއާ ދެކޮޅަށް ފިޔަވަޅުއަޅުއްވަން ވިސްނަވަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަންޕް ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން ނުވިސްނަވާކަމަށެވެ. ޓްރަންޕާއި ޝީއާ ދެމެދު އޮންނަ ގުޅުމާމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން އެންމެ ފަހުން ވާހަކަ ދެއްކެވިއިރު ރަނގަޅުކަމަށާއި ދެ ބޭފުޅުން ވާހަކަ ނުދައްކަވާތާ ގިނަ ދުވަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުނީ ޗައިނާގެ ސަބަބުންކަމަށް ވިދާޅުވެ، ޓްރަންޕްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗައިނާއަށް ގެއްލުން ދިނުމަށް އެމެރިކާއިން ކުރާ ކޮންމެ މަސައްކަތަކަށް ޗައިނާއިންވެސް ރައްދުގައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވަނީ ދީފައެވެ.