ޖޫން 15ން ފެށިގެން ފަސިންޖަރުން އުފުލާ ޗައިނާގެ މަތިންދާބޯޓުތަކަށް އެމެރިކާއަށް ދަތުރުނުކުރެވޭނެކަމަށް އެމެރިކާގެ ސަރުކާރުން އިޢުލާނުކޮށްފިއެވެ.
އެމެރިކާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން އެގޮތަށް ނިންމީ އެމެރިކާއާއި ޗައިނާއާ ދެމެދު ވެފައިވާ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާ ޗައިނާއިން ޚިލާފުވެފައިވާކަމަށް ބުނެއެވެ. އެ ނިންމުން ނިންމާފައިވަނީ ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ކޯވިޑް-19ގެ ސަބަބުން ގޯސްވެފައިވަނިކޮށެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން ޖެނުއަރީމަހުގެ ތެރޭގައި އެމެރިކާއިންވަނީ ޗައިނާއަށް ދަތުރުކުރުމަށްފަހު އެމެރިކާއަށް އެތެރެވާ ބިދޭސީން ކަރަންޓީނުކުރަން ފަށައިފައެވެ. ނަމަވެސް ޗައިނާއަށްކުރާ ދަތުރުތައް ހުއްޓާލާފައެއްނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ބޮޑެތި އެއާލައިންތަކުންވަނީ އަމިއްލަ އިޚްތިޔާރުގައި ޗައިނާއަށް ދަތުރުކުރުން ހުއްޓާލާފައެވެ. މާރިޗު މަހުގެ ފަހުކޮޅު ޗައިނާގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިންވަނީ ޗައިނާގެ އެއާލައިންތަކަށް ކޮންމެ ޤައުމަކަށްވެސް ކުރެވޭނީ ހަފުތާއަކު އެންމެ ދަތުރެއްކަމަށް ކަނޑައަޅާފައެވެ. އަދި މާރިޗު 12ވަނަ ދުވަހާހަމައަށް ޗައިނާއަށް ދަތުރުކުރަމުންދިޔަ ފްލައިޓުތަކަށްވުރެ އިތުރަށް ޗައިނާއަށް ދަތުރުނުކުރެވޭނެކަމަށްވަނީ ނިންމާފައެވެ.
އެ މުއްދަތުގައި އެމެރިކާގެ އެއާލައިނުތަކުން ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައިވާތީ އަލުން ދަތުރުތައް ފެށުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. އެމެރިކާ ސަރުކާރުންވަނީ ޗައިނާއިން އެމެރިކާގެ އެއާލައިނުތަކުން އެ ޤައުމަށް ދަތުރުކުރަން ދަތިކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާއިން ބުނީ އެ ޤައުމުގެ ޑެލްޓާ އެއާލައިންސާއި ޔުނައިޓެޑް އެއާލައިންސުން ޗައިނާއަށް ތާވަލު ދަތުރުތައް އަލުން ފަށަން އެދިފައިވާކަމަށެވެ. ނަމަވެސް ޗައިނާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީ އެމެރިކާގެ އެއާލައިންތަކަށް އަލުން ދަތުރުތައް ފެށުމަށް ޙުއްދަދެވޭނެ ތާރީޚެއް ބުނަން ދަތިކަމަށް ޗައިނާއިން އަންގާފައިކަމަށް އެމެރިކާއިން ބުނެއެވެ.