މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އާއި ދެކުނުގެބައެއް ރަށްރަށަށް ގުގުރުމާއި އެކު ބޯކޮށް ދަނީ ވާރޭ ވެހެމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މޫސުމަށް ރައްކާތެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ފާހަގަކޮށް މިކަމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށްމި ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ. އެސެންޓަރުން ނެރުނު މޫސުމާބެހޭ އެލަރޓެއްގައި ވަނީ މިފަދަ ޙާލަތެއްގައި ރައްޔިތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް ފާހަގަކޮށްފައެވެ.އެގޮތުން ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުކަންދީ ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް ސަމާލުކަންދިނުމަށާއި ގޭގެއަށް ފެންނުވަންނާނޭހެން ވެލި ބަސްތާ ޖަހާ ރައްކާތެރިކުރުމަށްވެސް އެދިފައިވެއެވެ. ބޭނުން ނުކުރައްވާ އިލެކްޓްރޯނިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށާއި ފެންބޮޑުވުމުގެ ސަބަބުން އުފެދިނާނެ ބަލިމަޑުކަމަކަށް ރައްކާތެރިވުމުގެ ގޮތުން ރަށްރަށުގެ ކުނި ކޮށި / ކުނި އަޅާ ސަރަޙައްދު ފެންނުވަންނާނޭހެން ބަންދުކުރުމަށްވެސް އެދިފައިވެއެވެ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެއްވާ މަޢުލޫމާތަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އެސެންޓަރުން އިލްތިމާސްކުރެއެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭތީ މިއަދުގެ ބާރަގަޑި ދިހައަކުން ފެށިގެން މެންދުރުފަހު ދެގަޑި ދިހައަކާއި ހަމައަށް ޔެލޯ އެލަރޓްވެސް މެޓް އޮފީހުން ނެރެފައިވެއެވެ.މިއަދު ކުރަމުންދާ ވިއްސާރައިގަ އެސްޓީއޯ ހެޑް އޮފީހުގެ ޓެރަސްގައި ހުރި ޓަވަރއަކަށް ހޮނުއަޅާ އެއިމާރާތުން އެއްކޮށް ކަރަންޓް ކަނޑައިގެން ގޮސްފައިވޭ. އެހެން ނަމަވެސް ފަހުން ކަރަންޓް ލިބި ބެލި ބެލުމުން ޓަވަރަށް ވެސް އަދި އެއްެވެސް އިލެކްޓްރޯނިކް ސާމާނަކަށް ގެއްލުންވެފައި ނުވާކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.މެޓް އޮފީހުން ބުނީ މިހާރު ކުރަމުން މިދާ ވިއްސާރައިގަ ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅީސް މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އާއްމު ގޮތެއްގައިވެސް ފަނަރަ މޭލަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިހާރު ކުރަމުންމިދާ ވިއްސާރައިގައި ކަނޑު ގަދަވާނެތީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަށްދީގެން ދަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.