ވިޔަފާރި

"ފަސޭހަމަގު" މެދުވެރިކޮށް 3480 ވިޔަފާރިއަކުން ވަނީ ހުއްދައަށް އެދިފައި- މާލެސިޓީ ކައުންސިލް


ފަސޭހަ މަގު ޕޯޓަލް މެދުވެރިކޮށް 3480 ވިޔަފާރިއެއް އަލުން ފެށުމުގެ ހުއްދައަށް އެދިފައިވާކަމަށް މާލެސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލޭގައި އޮތް ފުރަބަންދުގެ ޙާލަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމުމާއެކު މިދިޔަ މަހުގެ 29 ހުންފެށިގެން ޢާމްދަނީ ލިބޭ ވިޔަފާރިތަކުން މަސައްކަތް ކުރިއަށްގެންދިޔުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މާލެސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން 5 ދުވަހުގެ ތެރޭގައި ތިންހާސް ހަތަރުސަތޭކަ އަށްޑިހަ ވިޔަފާރިއެއް އަލުން ފެށުމުގެ ހުއްދައަށް އެދި އެޕްލިކޭޝަން ފޮނުވާފައިވާކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އަދި 2090 ކުންފުންޏަކުން އެޕްލިކޭޝަން ފޮނުވާފައިވާއިރު މިދަނޑިވަޅުގައި ވަޒީފާއަށް ނުކުތުމުގެ ހުއްދައަށް އެދި 9207 މީހުން އެދިފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ސިޓީކައުންސިލުން ކުރި ޓުވީޓު

ސިޓީ ކައުންސިލުން ވިދާޅުވީ މިހާރު ހުއްދައަށް އެދުނު ވިޔަފާރިތަކުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހިއްސާކުރައްވާފައިވާކަމަށެވެ. އަދި މަޢުލޫމާތު ޔަޤީންކުރުމަށްފަހު ވިޔަފާރިތައް ފެށުމަަށް ބޭނުންވާ ފާސް ދޫކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު މިހާރު ވަނީ ޚާއްސަ ހުއްދައާއެކު ފިހާރަތަކާއި ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ޚިދުމަތްދެވޭނެ ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން ހެނދުނު 9 އަކުން ރޭގަނޑު 11 ޖެހުމާ ހަމައަށް ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ފުރުސަތު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ފަށާފައެވެ.