ވިޔަފާރި

މޮނީޓަރިންގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ޚިދުމަތްދޭން ފަށައިފި


މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން މިހާރު ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން މަޢުލޫމާތުދޭ ގޮތުގައި މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ހޯމަ، އަންގާރަ އަދި ބުދަދުވަހު ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެކަމަށެވެ. އަދި މިދުވަސްތަކުގައި ބްރާންޗުން ލިބިވަޑައިގަންނަވާނީ އޮންލައިންކޮށް އަދި އޭޓީއެމްތަކުން ނުލިބޭ ޚިދުމަތްތައްކަމަށްވެސް ބީއެމްއެލްއިން މަޢުލޫމާތުދެއްވައެވެ.

މާލެ ސަރަޙައްދު ފުރަބަންދަށް ދިއުމާއެކު ބީއެމްއެލްގެ ބްރާންޗްތަކުން ޚިދުމަތް ދޭ ދުވަސްތައް މަދުވިނަމަވެސް، އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް ބީއެމްއެލްގެ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސާަފައެވެ. އަދި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި 24 ގަޑިއިރު ކޯލް ސެންޓަރުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.

ސަރުކާރުން ލޮކްޑައުންއަށް ދީފައިވާ ލުޔާއެކު ބީއެމްއެލްގެ މާލޭ ބްރާންޗްތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. ބީއެމްއެލްގެ ބްރާންޗްތައް ހުޅުވިނަމަވެސް، ޚިދުމަތްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.