ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަދާ މެޑިކަލް އޮކްސިޖަން ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަދާ މެޑިކަލް އޮކްސިޖަން ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ކަލެކްޓިން ކޮމްޕެނީއާއި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ 25 ވަނަ ދުވަހުއެވެ.

މެޑިކަލް އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ތެއްތިރީސް ދުވަހުގެ ތެރޭގައި ނިންމުމަށް ކަލެކްޓިންގ ކޮމްޕެނީއާ ހަވާލުކުރީ 462،297.75 (ހަތަރުސަތޭކަ ފަސްދޮޅަސް ދެހާސް ދުއިސައްތަ ނުވަދިހަ ހަތްރުފިޔާ ހަތްދިހަ ފަސް)ލާރިއަށެވެ. އެކޮމްޕެނީން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަހުމަދު ދާއޫދު ވިދާޅުވީ، ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ޕްލާންޓް މިހާރު މާލޭގައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޕްލާންޓްގެ ސަބަބުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އަހުމަދު އިތުރަށް ވިދާޅުވީ މި ޕްލާންޓް ބެހެއްޓުމުން ހޮސްޕިޓަލުން އޮކްސިޖަން އަށް ކުރާ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަ ވެގެންދާނެކަމަށެވެ. ހޮސްޕިޓަލުގައި ސެންޓަރަލް އޮކްސިޖަން ސިސްޓަމެއް ނުހުންނާތީ އެކަމުގެ ދަތިކަން ވަރަށް ބޮޑަށް ފޯރާކަމަށާއި އަދި އެކަމުގެ ސަބަބުން މެޑިކަލް އޮކްސިޖަންގެ ޚަރަދު ވެސް ބޮޑު ވާކަން އޭނާ ހާމަކުރެއްވިއެވެ.

އޮކްސިޖަން ޕްލާންޓް ބަހައްޓާ އިމާރާތް ހަދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިމާރާތުގެތެރޭގައި އެވެ. ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އޮކްސިޖަން މިހާރު ގެންނަނީ ސޭމް މެދުވެރިކޮށެވެ.