އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު، ޕްރޮސެކިއުޓަރ ޖެނެރަލް އައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛް ޢަބްދުﷲ ރާބިޢު މިހާތަނަށް ހުންނެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަޤާމުގައެވެ. އަލްއުސްތާޛް ޢަބްދުﷲ ރާބިޢު، ޤާނޫނީ ދާއިރާއިން ޚިދުމަށްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުވަރީ 2009 ދުވަހު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި މިހާތަނަށް މަސައްކަތްކުރައްވާފައިވަނީ އެ އޮފީހުގައި އެވެ. ޢަބްދުﷲ ރާބިޢުއަކީ މިވަގުތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންގެ ތެރެއިން މިދާއިރާގެ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ޤާނޫނީ ވަކީލެވެ.
ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަޙްޤީޤްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޛް ޙުސެއިން ނާޝިދާއި، އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، އަލްއުސްތާޛާ ޝަމްރާ ޝަމީމްއެވެ.