ޚަބަރު

ކޯވިޑް-19އަށް ފަރުވާދިނުމަށް އިންޑިޔާގައި ރެމްޑެސިވިއަރ ބޭނުންކުރަނީ


އެމެރިކާގެ ކުންފުންޏެއްކަމަށްވާ ގިލިއާޑް ސައިންސަސުން އުފައްދާ ބޭހެއްކަމަށްވާ ރެމްޑެސިވިއަރ ކުއްލި ޙާލަތްތަކުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރުމުގެ ޙުއްދަ އިންޑިޔާގެ ސަރުކާރުން ދީފިއެވެ.

ކޯވިޑް-19އާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ދައްކާފައިވާ ހަމައެކަނި ބޭހަކީ ރެމްޑެސިވިއަރއެވެ. ގިލިއާޑް ސައިންސަސުން ބުނީ ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް 5 ދުވަހުގެ މުއްދަތަށް އެ ބޭސް ދިނުމުން އެދެވޭ ނަތީޖާ ފެނިފައިވާކަމަށެވެ. މިދިޔަ މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝިނުންވަނީ ކޯވިޑް-19އަށް ފަރުވާދިނުމަށް ކުއްލި ޙާލަތްތަކުގައި އެ ބޭސް ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. ޖަޕާނުގެ ޞިއްޙަތާ ބެހޭ އިދާރާތަކުންވެސްވަނީ އެ ބޭސް ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.

ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިޔާއިން ބުނީ ބޭހުގެ 5 ޑޯޒު ދޭން ޝަރުތުކޮށް ކޯވިޑް-19 ޖެހިފައިވާ ޙާލުބޮޑު ބަލިމީހުންނަށް ކުއްލި ޙާލަތްތަކުގައި ފަރުވާދިނުމަށް ރެމްޑެސިވިއަރ ބޭނުންކުރުމުގެ ޙުއްދަ ދީފައިވާކަމަށެވެ. އެ ޙުއްދަ ދީފައިވަނީ ކޯވިޑް-19ގެ ސަބަބުން އިންޑިޔާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތަށް ރިޢާޔަތްކޮށް ޢާންމު އުސޫލުން ބޭރުންކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

އިންޑިޔާގައި ކޯވިޑް-19 205،147 މީހުންނަށް ކޯވިޑް-19 ޖެހި، 5،782 މީހުންވަނީ މަރުވެފައެވެ.