ޚަބަރު

ކޯވިޑް-19 : ނިޔާވި މީހާގެ ޖަނާޒާ ހުޅުމާލެ ސަހަރާގައި ބާއްވައިފި


ކޯވިޑް-19އަށް ޕޮޒިޓިވްވެ އެކަހެރިކޮށްފައި ވަނިކޮށް ނިޔާވި އުމުރުން 89 އަހަރުގެ އަންހެން މީހާގެ ޖަނާޒާ ބާއްވައިފިއެވެ.

ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި އާއިލާގެ އިތުރު ބަޔަކާއި އެކު އެކަހެރިކޮށް ބަހައްޓާފައި ވަނިކޮށް އެމީހާ ނިޔާވީ މިއަދު ހެނދުނު، 6:20 ހާއިރުގައެވެ.

މިއަދު ހެނދުނު 11:15 ހާއިރު އެމީހާގެ ޖަނާޒާ ބާއްވައި ހުޅުމާލެ ސަހަރާގައި ވަނީ ވަޅުލާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިބަލީގައި މަރުވި 7 ވަނަ މީހާއެވެ.

މަރުވިމީހާގެ ޖަނާޒާ ބާއްވާފައި ވަނީ މަރުވާމީހުން ވަޅުލުމުގައި އަމަލުކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށެވެ.

ޖަނާޒާގެ ކަންކަން ކުރައްވާފައި ވަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 2 އަންހެނުންނާއި 5 ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި 2 އަންހެނުންނާއި ދިވެހި 2 ފިރިހެނުންނާއިމ ބަނގުލަދޭޝްގެ 3 ފިރިހެނުންނެވެ.