ޚަބަރު

ކައުންސިލަރުންގެ ދައުރު ދިގުދަންމާލެވޭ ގޮތަށް 74 މެމްބަރުންގެ ވޯޓާއިއެކު ޤާނޫނު އަސާސީ އިސްލާހު ކޮށްފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރުި ތިބި ކައުންސިލަރުން ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނެސްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިރޭ ހަމަވާނެއެވެ. ކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ކުރަބް ސަރުކާރުން މަޖިލީހަށް ބިލެއް ހުށައެޅިއެވެ. މި ބަލަށް ބަހުސްކުރުމަށްފަހު މިހާރު އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ކުރެވިދާނެކަމާއި މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިގެން ދިޔައެވެ. އަދި އެއް މައްސަލަ ސުޕްރީމްކޯޓްގެ ލަފަޔަކަށް ހުށައެޅުން އެކޯޓުން ލަފާދެއްވީ ޤާނޫނު އަސާސީ އިސްލާހުކުރެވޭކަމަށެވެ.

ރޭ މެންދަމު 1:30ގައި ބޭއްވި މިޖަލްސާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންނެވެ. މީ މިހާ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި މިބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމަށް ފޮނުވާނެއެވެ.

ޤާނޫނު އަސާސީއަށް އިސްލާހުގެ ގެނެސްފައިމިވަނީ ކައުންސިލަރުންގެ މުއްދަތު ދައުރު އިތުރުކުރިނަމަވެސް އެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަކިގޮތަކަށް ބޭނުންކުރެވޭ ގޮތަށް ވަކި ހާއްސަ ޤާނޫނެއް މަޖިލީހުން ފާސްކުރުމާއި އެކުއެވެ. މި ޤާނުނުގައި ކައުންސިލަރުން ބައެއް ނިންމުންތައް ނިންމަން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ.

ރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރުގެ ދައިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަކުރައްވަން ފެއްޓެވިއެވެ. އެއާއި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ޝިޔާމަށް ރިޔާސަތުން އެންގެވިއެވެ. އެހެންނަމަވެސް ޝިޔާމް ތަޅުމުން ނުކުމެވަޑައިނުގެން ހުންނެވުމުން މަޖިލިސް ހޫނުވެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ. އަދި ޝިޔާމް މަޖިލީހުން ނެރެން އުޅުމުގައި ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވަނީ މެމްބަރުންގެ މެދުގައި ހިނގާފައެވެ.

ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީ ރިޕޯޓެއް ފާސްކުރުމަށްފަހު ތަޅުމުން ފާސްކުރުމުގެ ކުރިން 3 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. ނަމަވެސް މިމުއްދަތު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރު އެއްބަސްވާނަމަ އަވަސްކުރުމުގެ ފުރުސަތުވެސްލިބިގެންދެއެވެ. ނަމަވެސް މިކަމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު މުއްދަތުން ބޭރުން މިކަން ކުރުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޤާނޫނު އަސާސީއަށް ރޭ ގެނައި އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.

ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ދެ އަކުރު:

(ޅ) ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާ ކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބުމެވެ.
(ކ) މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަށް އިސްލާހު ގެނެވުނު 5 ވަނަ ފަހަރެވެ. 2008 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވި މި ޤާނޫނު އަސާސީއަކީ ޑޮމޮކްރަޓިކް ހަމަތަކުގެ މަތީން ރާއްޖެ ހިންގުމަށް ތައްޔާރު ކުރެވުނު އެންމެ ފުރިހަމަ ޤާނޫނު އަސާސީ ކަމުގައި ޤާނޫނީ ބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ.