ދުނިޔެ

ސޫރިޔާގެއުތުރުގައި ހަނގުރާމަކުރުން މަނާ ސަރަޙައްދެއް ޤާއިމްކުރަނީ


ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސޫރިޔާގެ ރެފިއުޖީންނަށް
ރައްކާތެރިކަން ހޯދައި ދިނުމަށްޓަކައި އެޤައުމުގެ އުތުރުގައި ހަނގުރާމަކުރުން މަނާ
ސަރަހައްދެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެޤައުމުގެ ބޮޑުވަޒީރު އަޙްމަދު ދާވޫދު އޮގްލޯ ވިދާޅުވެއްޖެއެވެ. ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި އަޙްމަދު ދާވޫދު
ވިދާޅުވީ ސޫރިޔާގެ އުތުރުގައި މިސަރަހައްދު ގާއިމް ކުރާނީ އެމެރިކާއާއި އެނޫންވެސް
ގައުމުތަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.



މީގެ
ހަތަރުއަހަރު ކުރިން ސޫރިޔާގައި ފެށުނު ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގެ
ސަބަބުން ކުރިމަތިވާ ދަތިތަކާއި ބުރަތައް އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ
ގައުމަކީ ތުރުކީވިލާތެވެ. ހަނގުރާމައިގެ ބިރުވެރިކަމާއެކު އަމިއްލަ ގެދޮރާއި ގައުމު ދޫކޮށްދާ ސޫރިޔާގެ
ރެފިއުޖީންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރެފިއުޖީންނަށް ހިޔާވަހިކަމާއި
އިންސާނީ އެހީ ދެމުންގެންދާ ގައުމަކީވެސް ތުރުކީވިލާތެވެ. 

އދ. ގެ ރިޕޯޓްތައް ބުނާގޮތުން ތުރުކީވިލާތުގައި ސޫރިޔާގެ 1.8
މިލިޔަން ރެފިއުޖީން ދިރިއުޅެމުން ގެންދެއެވެ. މިހާގިނަ އަދަދެއްގެ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި
ހިޔާވަހިކަމާއި ބޭސްފަރުވާއާއި ތައްލީމު ފަދަ ކަންކަމަށް އދ.ން ބައެއް ޚަރަދުތައް ކުރިނަމަވެސް މީގެތެރެއިން ގިނަ
ޚަރަދުތައް ކުރަމުން ގެންދަނީ ތުރުކީ ސަރުކާރުންނެވެ. 

ސޫރިޔާގެ އުތުރުގައި ހަނގުރާމަ ކުރުން މަނާ ސަރަހައްދެއް
ގާއިމް ކުރުމުގެ ބޭނުމަކީ ސޫރިޔާގެ ސިފައިންގެ ޙަމަލާތަކުންނާއި އައިއެސް
ޖަމާއަތުގެ ޙަމަލާތަކުން ސޫރިޔާގެ ރެފިއުޖީން ސަލާމަތްކޮށް އެމީހުންނަށް
އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ސޫރިޔާގެ އެތެރޭގައި ގާއިމް ކުރުންކަމަށް
ތުރުކީގެ ބޮޑުވަޒީރު އަޙްމަދު ދާވޫދު އޮގްލޯ ވިދާޅުވިއެވެ. ތުރުކީގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ސޫރިޔާގެ
އުތުރުގައި ހަނގުރާމަކުރުން މަނާސަރަހައްދެއް ގާއިމް ކުރުމާބެހޭގޮތުން
އެމެރިކާއާއި ތުރުކީވިލާތް މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވެ
ތުރުކީ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ދެއްވި ބަޔާނެއް އެމެރިކާއިން
ދޮގުކޮށްފައިވަނިކޮށެވެ.

 ތުރުކީގެ މަސްއޫލުވެރިޔާގެ މިބަޔާނަށް
ރައްދު ދެއްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާކް ޓޫނަރ އިއްޔެ
ވިދާޅުވެފައިިވަނީ ސޫރިޔާގެ އުތުރުގައި ހަނގުރާމަކުރުން މަނާސަރަހައްދެއް ގާއިމް
ކުރުމާބެހޭ އެއްވެސް އެއްބަސްވުމެއް ތުރުކީވިލާތާއި އެމެރިކާއާ ދެމެދު އަދި
ނޯންނާނެ ކަމަށެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނުގެ
ވާހަކަތަކަށްފަހު ތުރުކީގެ ބޮޑުވަޒީރު ދާވޫދު އޮގްލޯ ބީބީސީއަށް ދެއްވި
ބަސްދީގަތުމުގައި އެމެރިކާގެ މަސްއޫލުވެރިޔާގެ ވާހަކަތަކަށް ރައްދު
ދެއްވާފައެއްނުވެއެވެ. އޭގެ ބަދަލުގައި ދާވޫދު އޮގްލޯ ވިދާޅުވީ
ސޫރިޔާގެ އުތުރުގައި ހަނގުރާމަކުރުން މަނާ ސަރަހައްދެއް ގާއިމް ކުރުމުގެ ބޭނުމަކީ
ސޫރިޔާގެ ސިފައިންގެ ޙަމަލާތަކުންނާއި އައިއެސް ޖަމާއަތުގެ ޙަމަލާތަކުން ސޫރިޔާގެ
ރެފިއުޖީން ސަލާމަތްކޮށް ޙިމާޔަތް ކުރުން ކަމަށާ މިސަރަހައްދު ގާއިމް ކުރާނީ
އެމެރިކާއާއި އެނޫންވެސް ގައުމުތަކުގެ ރުހުމާއި އެއްބާރުލުންވެސް ހޯދައިގެންކަމަށެވެ.

 ހަނގުރާމަ ކުރުން މަނާ ސަރަހައްދެއް ސޫރިޔާގެ އުތުރުގައި
ގާއިމްކުރުމުގައި ތުރުކީވިލާތުގެ ބޭނުމަކީ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ސޫރިޔާގެ
ރެފިއުޖީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ އެކަމަށް ހައްލެއް
ހޯދުމާއި ތުރުކީއަށް ކުރިމަތިވެފައިވާ ސޫރިޔާގެ ރެފިއުޖީންގެ މައްސަލަ
ކުޑަކުރުންކަމަށް މުރާސިލުން ބުނެއެވެ. ހަނގުރާމަކުރުން މަނާ ސަރަހައްދެއް ސޫރިޔާގެ އުތުރުގައި ގާއިމްކުރުމަށްފަހު
އެތަނުގައި ހަނގުރާމަ ނުކުރެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އަދި އެސަރަހައްދަށް ހަތިޔާރާއެކު ވަންނަ ކޮންމެ
ބަޔަކާދެކޮޅަށް ވައިގެ ހަމަލާދީގެން އެބަޔަކު ފައްސާލެވޭނެކަމަށާއި ސޫރިޔާގެ
ރެފިއުޖީންނަށް އެސަރަހައްދުގައި އަމާންކަމާއެކު ދިރިއުޅެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.