ރާއްޖޭގައިތިބި އުމުރުން ދުވަސްވީ މީހުންނަށް ޑަބްލިއުއެޗްއޯއިން އެހީގެ ތަކެތި ހަދިޔާކޮށްފިއެވެ.
ޑަބްލިއުއެޗްއޯގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށް ހަދިޔާކުރި މިތަކެތި ހަވާލުކުރީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއަށެވެ.
ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ތަކެތި މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ.އަރްވިންދު މާތުރްއެވެ. މިއެހީއާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް ޢައިޝަތު މުޙައްމަދު ދީދީއެވެ.
ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑެތި މީހުންގެ ނެޕީގެ ބާރަސަތޭކަ ހަތްދިހަ ހަ ނެޕީ ޕެކާއި އެއްހާސް ހޭންޑް ސެނިޓައިޒާ ފުޅިއާއި ފަންސާސް ފުޅި ޕްރޮޓިނެކްސް ސަޕްލިމެންޓް ހިމެނެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މިއެހީގެ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އިތުރުން މިނިސްޓްރީއަށް ލިބިފައިވާ މަޢުލޫމާތުގެ ތެރެއިން މިވަގުތު އެހީތެރިކަން ކޮންމެހެން ބޭނުންވެފައިވާ މީހުންނަށްކަމަށެވެ.
ކޯވިޑް 19އިގެ ސަބަބުން ޙާލުގައި ޖެހިފައި އެހީތެރިކަމަށް ކޮންމެހެން ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޙާލު ޖެންޑަރ މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެމިނިސްޓްރީން ވަނީ ކުރިން ހާމަކުރައްވާފައެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިހާރުވެސް 200 އަށް ވުރެގިނަ މީހުން ތިބިއިރު މިމީހުން ބެލުމުގެ ހުރިހާކަމެއް ހަމަޖައްސަނީ ސަރުކާރުންނެވެ.