ވިޔަފާރި

އެމްއެމްއޭ ޤާނޫނުގެ އިޞްލާޙާއި ގުޅިގެން މާލީ ދާއިރާ ހަރުދަނާވާނެ


ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއިން  ފާސްކުރި އެމްއެމްއޭ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން، ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ރެގިއުލޭޓްކުރުމަށް ފަސޭހަވެގެންދާނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ހާމަކޮށްފިއެވެ.އެމްއެމްއޭއިން ބުނީ، ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކޮށް ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިޤާނޫނަށް ގެނައި އިސްލާހުގެތަކުގެ ސަބަބުން އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ބޭންކުގެ ވިޔަފާރި ނޫން މާލީ ވިޔަފާރި ތަކަކީ ރެގިއުލޭޓްކޮށް ސުޕަވައިޒްކުރާ ވިޔަފާރިތައް ކަމަށް ކަނޑައެޅުމަށް ފަސޭހަވާނެކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.އެގޮތުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ބޭންކު ނޫން މާލީ ވިޔަފާރިތައް ދިވެހިރާއްޖޭގައި ހިންގޭނީ އެމްއެމްއޭއިން އެކަމަށް ދޫކުރާ ލައިސަންސް ލިބިގެންކަން ކަނޑައެޅުމާއި، އެމްއެމްއޭ އިން ދޫކުރާ ލައިސަންސް ނެތި، ޤާނޫނުގައި ބަޔާންކޮށްފައިވާ ބޭންކު-ނޫން މާލީ ވިޔަފާރިތައް ދިވެހިރާއްޖޭގައި ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުން ހިމެނޭ. އަދި ބޭންކު-ނޫން މާލީ ވިޔަފާރިތަކުގެ އޯފް-ސައިޓް އަދި އޮން-ސައިޓް އެގްޒެމިނޭޝަން އެމްއެމްއޭއިން ހަދާ، ސުޕަވައިޒްކުރުމާއި، ބޭންކުތަކަށް ފްލެކްސިބިލިޓީ ދިނުމަށްޓަކައި، އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަން ރިޒާރވް ފައިސާ އެމްއެމްއޭގައި ބެހެއްޓުމަށް އޮތް އޮތުން، އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް ކަނޑައަޅާ އިދާރާއެއްގައި ބެހެއްޓޭނެ ގޮތަށް މަގުފަހިވާނެކަމަށް އެމްއެމްއޭއިން ދެކެއެވެ.އެމްއެމްއޭގެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށް މަގުފަހިކޮށް، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެނެވުނު އިތުރު އިޞްލާޙުތަކުން މަގުފަހިވާނެކަމަށާއި، އެގޮތުން، އެމްއެމްއޭއިން ތަފާސް ހިސާބު އެއްކުރުމާއި، އެކުލަވާލައި، ދިރާސާކޮށް ޝާޢިޢުކުރުން އެމްއެމްއޭގެ މަސައްކަތުގެ ތެރޭގައި ހިމެނުމާއި، މާލީ ދާއިރާ ތަރައްޤީކޮށް ރާއްޖޭގެ އެކި ހިސާބުތަކުން މާލީ ޚިދުމަތްތައް ލިބޭނެ ގޮތްތައް ހެދުމަށްޓަކައި އެކި ޕްރޮޖެކްޓްތައް އެމްއެމްއޭ އިން ހިންގިދާނެ ކަމަށް ކަނޑައެޅުން ހިމެނޭކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭގެ ޖެނެރަލް ރިޒާރވް އިތުރުވެގެންދާނެ ގޮތް ހެދުމަށާއި، އެމްއެމްއޭގެ އަހަރީ ރިޕޯޓް ޝާޢިއުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން އޮންނަ އޮތުން، ބޯޑުން ފާސްކުރުމަށްފަހު ޝާޢިއުކުރެވިދާނެ ކަމަށް ކަނޑައަޅުން ހިމެނޭކަމަށް އެއޮތީރިޓީން މައުލޫމާތުދެއެވެ. މިއިޞްލާޙު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި ބޭންކު ނޫން މާލީ ވިޔަފާރި ކުރާ އިދާރާތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމުގެ ޤާނޫނީ ބާރާއި ޒިންމާ އޮތޯރިޓީއަށް ދިނުމަށާއި އެމްއެމްއޭ ގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.